ސްޓްރޯކެއް ޖެހިގެން ރޭ ނިޔާވި ގައުމީ ފުޓްބޯޅަ ޓީމަށް ކުރިން ކުޅުނު ގޯލްކީޕަރު، އިބްރާހިމް އިފްރާހު އަރީފް (އިފްރާ)ގެ ކަށުނަމާދު މިއަދުގެ ހުކުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.
އިފްރާ އަށް ސްޓްރޯކެއް ޖެހި ހާލު ސީރިއަސްވެ ފަރުވާން ދޭން ފަށާފައިވަނީ މިދިޔަ ހޯމަ ދުވަހުއެވެ.
އޭނާއަށް ޖެހުނީ ހެމޮރެޖިކް ސްޓްރޯކެއްގެ ސަބަބުން ސިކުނޑިއަށް ލޭ އެޅުނެވެ. އެ ލޭތައް ނެގުމަށް ހޯމަ ދުވަހު އޮޕްރޭޝަނެއް ކުރި ނަމަވެސް ލޭތައް ސާފުނުކުރެވޭތީ ސިކުނޑީގެ ދުޅަ ތިރިކުރުމަށްޓަކައި އޭނާ އޮތީ މެޑިކަލީ އިންޑިއުސްޑް ކޯމާގަ އެވެ.
އިފްރާގެ މޫނު ދެއްކުން ކުރިއަށްދާނީ މިއަދުގެ 10:30 ވަން ދެން އާ ސަހަރާގަ އެވެ. އެއަށް ފަހު އޭނާ ވަޅުލުން އޮންނާނީ އާ ސަހަރާގަ އެވެ.
އިފްރާ ވަނީ، ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގައި ހިމެނިގެން، އޭޝިއަން ގޭމްސް، ސައުތު އޭޝިއަން ގޭމްސް، އަދި އޮލިމްޕިކް ކޮލިފައިންގައި ކުޅެފަ އެވެ. އަދި އޭނާ ރާއްޖޭގެ ގައުމީ ސީނިއާ ޓީމުގައި 2007 ވަނަ އަހަރު ހިމެނުނުއިރު 2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގައި ވެސް އޭނާ ވަނީ ހިމަނާފައެވެ.
އިފްރާ ވަނީ ނިއު ރޭޑިއަންޓާއި، ވިކްޓްރީ އާއި، ބީޖީ ސްޕޯޓްސް އާއި ޓީސީ ސްޕޯޓްސް އަށް ވެސް ގިނަ އަހަރުތަކެއް ކުޅެ ބޮޑެތި ކާމިޔާބީތަކެއް ހޯދައިފައެވެ. ފުޓްބޯޅަ ކެރިއަރަށް ފަހު، އިފްރާހު، ބޮޑަށް ހަރަކާތްތެރިވަމުން އައީ ސްޕޯޓްސް ފިޝިންގަ އެވެ.