ފާއިތުވި އަހަރު ތަކުގައި ފެނަކައިގެ ދަރަނި އިންތިހާއަށް އިތުރުވެފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ހާމަވެެއްޖެއެވެ.

ފެނަކައިގެ މުދަލާއި ހިދުމަތް ހޯދުން، ކުންފުނީގެ މާލީ ހާލަތާއި ހިސާބުތައް ބެލެހެއްޓުމާއި ގުޅޭ ގޮތުން ހަދާފައިވާ ހާއްސަ އޮޑިޓް ރިޕޯޓުން 2021 ވަނަ އަހަރުން ފެށިގެން 2023އާ ހަމައަށް އެ ކުންފުނިން ކޮށްފައިވާ ބޮޑެތި ހިޔާނާތުގެ އަމަލުތަކާއި އެހެނިހެންވެސް ކަންކަން ވަނީ ހާމަކޮށްފައެވެ.

އެގޮތުން އެ ކުންފުންޏަށް ހޯދާފައިވާ ލޯނުތަކާއި ކްރެޑިޓް ފެސިލިޓީތަކާ ގުޅިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 3,896,238,960 ރުފިޔާ އެކި ފަރާތްތަކަށް ނުދައްކާ ހުރި ކަމަށް ވަނީ ފާހަގަކޮށްފައެވެ. އެގޮތުން 2018 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުނީގެ ޖުމްލަ ދަރަނީގެ އަދަދަކީ 796,618,811ު ރުފިޔާއެވެ. އެކަމަކު އެ އަހަރާ އަޅާބަލާއިރު 2023 ވަނަ އަހަރުގެ ނިޔަލަށް އެ އަދަދު ވަނީ 389 ޕަސެންޓަށް އިތުރު ވެފައެވެ.

މި މުއްދަތުގެ ތެރޭގައި ކުންފުނީގެ ޖުމްލަ ދަރަނި އިތުރުވުމުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައި ވަނީ މުވައްޒަފުންގެ މުސާރައަށް ހޭދަކުރާ މިންވަރު އިތުރުވުމާއި ކުންފުނިން ފަށާފައިވާ އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓްތަކަަށް ކުރަމުންދިޔަ ހޭދަ އިތުރުވުމެވެ. އަދި މި މުއްދަތުގެ ތެރޭގައި ކުންފުނިން ހޯދާފައިވާ ހިދުމަތާއި މުދަލުގެ އަގަަށް އެކު ފަރާތްތަކުން ދައްކަންޖެހޭ ފައިސާގެ އަދަދު އަހަރުން އަހަރަށް އިތުރުވުން ކަމަށް ވެއެވެ. އަދި ހަމަ އެހެންމެ އެ މުއްދަތުގެ ތެރޭގައި ފެނަކައިން ނަގާފައިވާ ލޯނާއި ކްރެޑިޓް ފެސިލިޓީތަކުގެ އަދަދު އިތުރުވުމަކީ ވެސް ދަރަނި އިތުރުވުމުގެ އެއް ސަބަބުން ކަމަށް އޭޖީ އޮފީހުން ވަނީ ބުނެފައެވެ.

އަހަރުން އަހަރަށް ފެނަކައިގެ ދަރަނި އިތުރުވަމުން އައި ގޮތުގެ ގްރާފް

މީގެ އިތުރުން ވެސް މުދަލާއި ހިދުމަތުގެ އަގަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާ ހުންނަ ފައިސާގެ އަދަދު އަހަރުން އަހަރަށް އިތުރުވެފައިވުމާއި 2023 ވަނަ އަހަރުގެ ނިޔަލަށް ޖުމްލަ 2.99 ބިލިއަން ރުފިޔާ ނުދައްކާ ހުރިކަމަށް އޮޑިޓް ރިޕޯޓުގައި ވެއެވެ.

2023 ވަނަ އަހަރުގެ ނިޔަލަށް މުދަލާއި ހިދުމަތް ހޯދުމަށްފަހު އެކި ފަރާތްތަކަށް ނުދައްކާ ހުރި ފައިސާ:

  • ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ނުދައްކާ - 241,913,665 ރުފިޔާ
  • ރާއްޖޭގެ އަމިއްލަ ފަރާތްތަކަށް ނުދައްކާ - 955,533,703 ރުފިޔާ
  • އެފްއެސްއެމްއަށް ނުދައްކާ - 1,785,343,194 ރުފިޔާ
  • ސަރުކާރުގެ އެހެން އެސްއޯއީތަކާއި އިދާރާތަކަށް ނުދައްކާ - 13,753,670 ރުފިޔާ

އެގޮތުން މުދަލާއި ހިދުމަތުގެ އަގަށް ދައްކަންޖެހޭ ފައިސާގެ 59 ޕަސެންޓަކީ ފިއުލް ސަޕްލައި މޯލްޑިވްސްއަށް ދައްކަންޖެހޭ ފައިސާއެެވެ. ހަމައެހެންމެ ސަޕްލަޔަރުންނަށް ދައްކަންޖެހޭ ފައިސާ ވެސް ވަނީ އަހަރުން އަހަރަށް އިތުރުވެފައެވެ. 2018 ވަނަ އަހަރު ސަޕްލަޔަރުންނަށް 625 މިލިއަން ރުފިޔާ ނުދައްކާ އޮތް ނަމަވެސް 2023 ވަނަ އަހަރު އެ އަދަދު ވަނީ 2،996 މިލިއަން ރުފިޔާއަށް އިތުރުވެފައެވެ.

އަދި އެ ކޯޕަރޭޝަނުން ނެގި ލޯނުތަކަށް 2023 ވަނަ އަހަރުގެ ނިޔަލަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ު165,574,450 ރުފިޔާ ވަނީ ނުދައްކައެވެ. މި ފެސިލިޓީތަކުގެ ތެރޭގައި ހިމެނެނީ ޖަނަރޭޓަރު ސެޓްތައް ގަތުމަށް ނަގާފައިވާ އެއް ލޯނާއި ތެލުގެ ބިލްތަކަށް ފައިސާ ދެއްކުމަށް ނަގާފައިވާ 3 ލޯނާއި ތެލުގެ ބިލްތައް ދެއްކުމަށް ހޯދާފައިވާ 1 ކްރެޑިޓް ފެސިލިޓީއާއި ސްމާޓް މީޓަރު ޕްރޮޖެކްޓާއި ގުޅޭ ފެސިލިޓީއެވެ.

އެ ކޯޕަރޭޝަނުން ނެގި ލޯނުތަކަށް 2023 ވަނަ އަހަރުގެ ނިޔަލަށް ދައްކަންޖެހޭ ފައިސާއާ ގުޅޭ ތަފްސީލް

އޮޑިޓުން ފާހަގަ ކުރި ގޮތުގައި އަހަރުން އަހަރަށް ކުންފުނީގެ ދަރަނި އިތުރުވަމުން ދިޔުމަކީ ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ހިންގުމަށް އޮތް ގޮންޖެހުމެއް ކަމަށެވެ. އެގޮތުން ކުންފުންޏަށް އިތުރު މާލީ އެހީތެރިކަން ހޯދުމަށް ހުރަސް އެޅިގެން ދިއުމާއި ކުންފުނީގެ ދަރަނި އަދާ ކުރުމަށާއި ހަރަދުތައް ހަމަޖެއްސުމަށް އިތުރު ފައިސާ ދައުލަތުން ފޯރުކޮށްދޭންޖެހި ކުންފުނި ހިންގުމަށް ދައުލަތުން އުފުލަން ޖެހޭ މާލީ ބުރަ ބޮޑުވާނެ ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ.