ދުރާލާ ވިސާޖެހުމަކާ ނުލައި ދިވެހިންނަށް އަޒަރުބައިޖާނަށް ދަތުރުކުރެވޭ ގޮތް މަގު ފަހިކޮށްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، ފޮރިން މިނިސްޓަރު އަބްދުﷲ ހަލީލެވެ. އަދި، އަޒަރުބައިޒާން ސަރުކާރުން ސޮއިކުރެއްވީ، ފޮރިން މިނިސްޓަރު ޖޭހުން ބައިރަމޯވްއެވެ.
ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގެ ދަށުން ދިވެހިންނަށް ވިސާ ނުނަގައި އަޒަރުބައިޖާނަށް ދެވޭނެ ކަމަށެވެ. އަދި 90 ދުވަހުގެ މުއްދަތަށް އެ ގައުމުގައި މަޑުކުރެވުމުގެ އިތުރުން ޓްރާންސިޓް ދަތުރުވެރިންގެ ގޮތުގައިވެސް އެ ގައުމަށް އެތެރެވެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މި އެއްބަސްވުމުގެ މައިގަނޑު ބޭނުމަކީ ދެ ގައުމުގެ ދެމެދު ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. 2024 ވަނަ އަހަރު ވަނީ، ޑިޕްލޮމެޓިކް އަދި އޮފިޝަލް ޕާސްޕޯޓުގައި ވިސާ އާނުލައި އަޒަރުބައިޖާނަށް ދަތުރުކުރެވޭ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
އަޒަރުބައިޖާން އެއާލައިނުގައި ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައި ވަނީ މިދިޔަ ނޮވެމްބަރު މަހުއެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރު ކުރަނީ އެ ގައުމުގެ ވެރިރަށް ބަކޫއިން ސީދާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ. އެ އެއާލައިނުން ހަފުތާއަކު ދެ ދަތުރު ރާއްޖެއަށް ދަނީ ކުރަމުންނެވެ.