ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން އިންޑިގޯއަށް ހިދުމަތް ދޭން ފަށައިފިއެވެ.

ޓާމިނަލް 1 އިން އިންޑިގޯއަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން, ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް (ރިޓަޔާޑް) އަހުމަދު ފަސީހުއެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން އަހުމަދު އަޝްފާން, އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް, އިންޑިއާ މޯލްޑިވްސްގެ ޗީފް ސެކިއުރިޓީ އޮފިސަރު އެންޑް އެއާޕޯޓް މެނޭޖަރު ނިކިލް ވަރްމާ އަދި އެމްއޭސީއެލް އާއި މޯލްޑިވްސް އިމިގްރޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި އިންޑިގޯގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 218 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި އިންޑިގޯގެ ފުރަތަމަ މަތިންދާ ބޯޓު، 6E1127 އަށް މަރުހަބާ ކިއުމުގެ ގޮތުން ހާއްސަ ވޯޓާ ސެލިއުޓެއް އަރުވައި, އެ ފްލައިޓުން ރާއްޖެ އައި 229 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.

އިންޑިގޯއަކީ އިންޑިއާގެ އެންމެ ބޮޑު އަދި އޭޝިއާގެ ދެވަނައަށް އެންމެ ބޮޑު އެއާލައިނެވެ. އެ އެއާލައިނުން ރާއްޖެއަށް ދަތުރުތައް ފެށީ ނޮވެމްބަރު 15، 2018 ގައެވެ.

އިންޑިގޯއަކީ ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި 8 ވަނަ އެއާލައިނެވެ. އަދި ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އިންޑިއާގެ ފުރަތަމަ އެއާލައިނެވެ.

ޓާމިނަލް 1 އިން މިހާރު ހިދުމަތް ދޭ އެއާލައިންތަކަކީ މޯލްޑިވިއަން, އެއާ އަރަބިއާ, ބިއޯންޑް, ފިޓްސް އެއާ އަދި ބެއިޖިންގް ކެޕިޓަލް އެއާލައިންސް, ބަޓިކް އެއާ, ބެންކޮކް އެއާވޭސް އަދި އިންޑިގޯއެވެ. އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.