ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓްރެފިކް ފްލޯއަށް މާދަމާ އިން ފެށިގެން ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފަިއވާ ކަމަށް އެމްއޭސީއެލް އިން ބުނެފިއެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުގައި، މި ބަދަލާއެކު އެއާޕޯޓަށް ވަންނަ އެންމެހާ އުޅަނދުތައް ބޭނުން ކުރަން ޖެހޭނީ އެއާޕޯޓުގެ އާ އެކްސެސް ރޯޑެވެ. ނަމަވެސް އެއާޕޯޓަށް މީހުން ބާލާ އުޅަނދުތައް ބޭނުން ކުރަން ޖެހޭނީ މިހާރުގެ މަގެވެ.

އަލަށް ގެނައި ބަދަލުތަކުގެ ދަށުން، ޓާމިނަލް 1 ގެ ކުރިމަތީގައިވާ އާ މަގުން ދުއްވަން ޖެހޭނީ ޕާކިން އޭރިއާ އިން ނުކުންނަ އުޅަނދުތަކާއި، ޕަބްލިކް ދަތުރުތަކުގެ އުޅަނދުތަކާއި އަދި މައި ޓްރެފިކްއެވެ. އަދި ހުޅަނގު ފަރާތު ޕާކިން އޭރިއާ އާ ގާތުން ނުކުންނަން ބޭނުންވާ އުޅަނދުތައް ނުކުންނަން ވާނީ މިހާރުގެ މަގުންނެވެ.

މި ބަދަލުތަކަކީ އެއާޕޯޓުގެ ޓްރެފިކް މެނޭޖް ކުރުމަށް ގެނެވޭ ވަރަށް މުހިންމު ބަދަލުތަކެއް ކަމަށާއި މީގެ ސަބަބުން އެއާޕޯޓުގެ ހިދުމަތްތައް އިތުރަށް ހަރުދަނާ ވެގެން ދާނެ ކަމަށް އެމްއޭސީއެލްގެ އިސް އޮފިޝަލެއް ވިދާޅުވިއެވެ.

އާ ޓްރެފިކް ޕްލޭންގައި ވެސްޓަން ޕާކިން އޭރިއާ އާއި، ލޭންޑްސައިޑް ޕާކް އަދި ޕިކްއަޕް ހޯލްޑިން އޭރިއާ ހިމެނެއެވެ. މި ބަދަލުތަކާއެކު އެއާޕޯޓުގެ އެތެރޭގެ ދަތުރުފަތުރު އިތުރަށް ހަރުދަނާވެ، ފަސިންޖަރުންނަށް ފަސޭހަވެގެން ދާނެ ކަމަށް ބެލެވެއެވެ.