ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 1.8 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ، މިތަކެތި އަތުލައިގަނެފައި ވަނީ، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމެންޓެއް އައްޑޫ ސިޓީ ހިތަދޫ ޕޯޓުން ބަލާ ފާސްކުރުމުގެ ތެރެއިން ކަމަށެވެ. މިތަކެތީގެ ޑިއުޓީއަށް ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ އަރާނެކަމަށް ލަފާ ކުރާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

މި މައްސަލަ މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

1.8 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އަތުލައިގެންފައިވާ ކަމަށް ކަސްޓަމްސް އިން ބުނާ އިރު މިއީ ގާތްގަނޑަކަށް 90،000 އަށް ވުރެ ގިނަ ކުދި ސިނގިރޭޓް ފޮއްޓެވެ.

ދުންފަތުގެ ބާވަތްތައް ލޭބަލްކުރުމުގެ ގަވައިދުގައިވާ ގޮތުން ރާއްޖެއަށް ސިނގިރޭޓު އެތެރެ ކުރެވޭނީ އޭގެ ނުރައްކާތެރިކަން އަންގައިދޭ ފޮޓޯ އާއި ލޭބަލް ޖަހައި އަދި އެ ތަކެތި ގެންނަން ބޭނުންވާ ހުއްދަ ނަގައިގެންނެވެ. ރާއްޖޭގައި ވޭޕް މަނާކޮށް އަދި ދުންފަތުގެ ބާވަތްތަކުން ނަގާ ޑިއުޓީ އިތުރަށް ބޮޑުކޮށްފައި ވާއިރު ވަގަށް ސިނގިރޭޓު އެތެރެކުރާ މައްސަލަތައް އަންނަނީ ފެންމަތިވަމުންނެވެ.

އެގޮތުން މިދިޔަ އޭޕްރީލް މަހުގެ ތެރެގައި ވެސް އައްޑޫ މަގުން ގަވައިދާ ހިލާފަށް އެތެރެކުރަން އުޅުނު ލައްކައަކަށް ވުރެ ގިނަ ސިނގިރޭޓު ކަސްޓަމްސް އިން ވަނީ ހިފަހައްޓާފައެވެ.ހަމަ އެ މަހުގެ ފަހުކޮޅު 13 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓު، ޕުލައިވުޑް ޝިޕްމެންޓެއްގައި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި ހިންގި އޮޕަރޭޝަނެއްގައި އެތަކެތި ވަނީ އަތުލައިގެންފައެވެ.