2026 ވަނަ އަހަރު ތ. މަޑިފުށީގައި 50 ހައުސިން ޔުނިޓުގެ ގެދޮރުވެރިކަމުގެ މަޝްރޫއެއް ކުރިއަށްގެން ދަވާނޭކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ހަތަރު އަތޮޅެއްގެ މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މަޑިފުށީ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. އެގޮތުން ރައީސް ވިދާޅުވީ ގެދޮރުވެރިކަމަކީ ދިވެހި ސަރުކާރުގެ އެންމެ މުހިންމު ސިޔާސަތުކަމަށާއި، މަޑިފުށީ ރައްޔިތުން އެދޭ ގޮތް ހިއްސާކުރުމުން ވަކި ސަރަހައްދެއްގައި ހިންގާ މަޝްރޫއެއްގެ ގޮތުގައި ނުވަތަ އަމިއްލަ ގޯތިތަކުގައި ހައުސިން ޔުނިޓުތައް އިމާރާތްކުރާ ގޮތަށް އެ މަޝްރޫއު ހިންގަވައިދެއްވާނެ ކަމަށެވެ.
މިރަށުގައި ރައީސް މިއަދު ވަނީ ގިނަ މަޝްރޫއުތަކެއްވެސް ފައްޓަވާދެއްވާފައެވެ. އޭގެ ތެރޭގައި ސްކޫލްގެ އާ އިމާރާތުގެ ބިންގާ އެޅުއްވުމާއި، ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ އިތުރުން ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި، މަޑިފުށީ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ އަމަލީ މަސައްކަތްވެސް ވަނީ ފައްޓަވާދެއްވާފައެވެ.
ރައީސް ވިދާޅުވީ މި ހުރިހާ މަސައްކަތެއްވެސް ހަލުވި ސްޕީޑެއްގައި ކުރިއށް ގެންދަވާނެ ކަމަށާއި، އަދި ރަށުގައި މިހާރު ކުރިއަށްދާ އައިސް ޕްލާންޓުގެ މަސައްކަތްވެސް ދާދި އަވަހަށް ނިމޭނޭ ކަމަށެވެ. މީގެއިތުރުން މި އަހަރު ނިމުމުގެ ކުރިން ފުލުހުންގެ ވެހިކަލެއްވެސް ރަށަށް ލިބޭނޭ ގޮތް ހަމަޖައްސަވައިދެއްވާނޭކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސްގެ މި ދަތުރުފުޅަކީވެސް ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމަށާއި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެ މަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ.