ތ. މަޑިފުށީގެ އިހުތިސާސްގައި އެ އަތޮޅު އުފުރިޔާއާއި ކޮޅުފުށި ހިމަނައިފިއެވެ.

ރައީސް އޮފީހުން ބުނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިފަދައިން ނިންމަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ނެރުއްވި ގަރާރަކުންނެވެ. އެގޮތުން މަޑިފުށީގެ އިހުތިސާސަށް ގެނައި ބަދަލު ދައްކުވައިދޭ ޗާޓަކާއެކު މިހާރު ގެޒެޓުގައި ޝާއިއުކުރެވިފައިވާ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފައެވެ.

އުފުރިޔާ އާއި ކޮޅުފުށްޓަކީ މަޑިފުށީގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ދެ ރަށް ކަމުގައި ހެއްދެވުމަކީ ރައީސް މުއިއްޒުގެ ވައުދުފުޅެކެވެ. މި ނޫންވެސް ކައިރީ ހުރި ފަޅުރަށްރަށް އިހުތިސާސްގައި ހިމެނުއްވުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދަކަށްވާއިރު، މާފަރު ފަޅު އެ އަތޮޅު ފެރިދޫގެ ބައެއްގެ ގޮތުގައިވެސް ރައީސް ވަނީ މި މަހު ހަމަޖައްސަވާފައެވެ.

އެގޮތުން ފެރިދޫ ތަރައްގީގެ މުސްތަގުބަލަށްޓަކައި، ރަށަށް އާމްދަނީ ހޯދޭނެ ފުރިހަމަ ވަސީލަތެއްގެ ގޮތުން، މާފަރު ފަޅަކީ އެ ރަށުގެ ބައެއްގެ ގޮތުގައި ހަމަޖައްސާދެއްވާނެކަން ރައީސް އިއުލާން ކުރެއްވީ މިދިޔަ އޮގަސްޓު މަހު ފެރިދުއަށް ކުރެއްވި ދަތުރުފުޅުގައެވެ. މީގެއިތުރުން މިދިޔަ އޮގަސްޓުމަހު ރައީސް ވަނީ ނިލަންދެއަތޮޅު ދެކުނުބުރީ ''ވައްލަ'' އަކީ އެއަތޮޅު ކުޑަހުވަދޫގެ ބައެއް ކަމުގައިވެސް ހަމަޖައްސަވާފައެވެ.