ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ފަސިންޖަރު ޓާމިނަލް, ޓާމިނަލް 1 އިން ބަޓިކް އެއާ އަދި ބެންކޮކް އެއާވޭސްއަށް ހިދުމަތް ދޭން ފަށައިފިއެވެ.
ޓާމިނަލް 1 އިން މި ދެ އެއާލައިނަށް ހިދުމަތް ދޭން ފެށުން ފާހަގަކުރުމަށް މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. ރަސްމިއްޔާތު ޝަރަފުވެރިކޮށް ދެއްވީ ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފް އާއި ބަޓިކް އެއާ މާލޭގެ ސްޓޭޝަން މެނޭޖަރު އަލީ ޝިނާން އާއި ބެންކޮކް އެއާވޭސްގެ ސްޓޭޝަން މެނޭޖްމަންޓުގެ ޑެޕިއުޓީ ޑިރެކްޓަރު ނިތިތަމް ކަކަނުމްޕޯން އާއި އެމްއޭސީއެލްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ބަޓިކް އެއާ އަދި ބެންކޮކް އެއާވޭސްގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ވަނީ ހުޅުވާފައެވެ. އަދި ޓާމިނަލް 1 އަށް ކައިރި ކުރި ބަޓިކް އެއާގެ ފުރަތަމަ މަތިންދާ ބޯޓު، އޯޑީ293-5 އަށާއި ބެންކޮކް އެއާވޭސްގެ ފުރަތަމަ މަތިންދާ ބޯޓު ޕީޖީ711-2 އަށް ވޯޓާ ސެލިއުޓް އަރުވައި، އެ ފްލައިޓުން ރާއްޖެ އައި ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައެވެ.
ޓާމިނަލް 1 އިން މިހާރު ހިދުމަތް ދޭ އެއާލައިންތަކަކީ މޯލްޑިވިއަން, އެއާ އަރަބިއާ, ބިއޯންޑް, ފިޓްސް އެއާ އަދި ބެއިޖިންގް ކެޕިޓަލް އެއާލައިންސްއެވެ. އަދި މިއަދު ހިދުމަތް ދޭން ފެށި ދެ އެއާލައިން އާއެކު ޓާމިނަލް 1 އިން ހިދުމަތް ދޭން ފެށި އެއާލައިންތަކުގެ އަދަދު ވަނީ ހަތަކަށް އިތުރުވެފައެވެ.
އެމްއޭސީއެލްގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށް ވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުން ކަމަސް އެ ކުންފުނިން ބުނެއެވެ.