މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ) އިން ރީޖަނަލް ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ހިދުމަތް ތ. އަތޮޅަށް ފުޅާކުރުމަށް ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.

އެމްޓީސީސީން މިއަދު އެކްސްގައި ހިއްސާ ކުރި ޕޯސްޓެއްގައި ވަނީ، ތ. އަތޮޅުގައި އާރްޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ތައްޔާރުވެފައިވާ ސްޕީޑް ފެރީތައް މިއަދު އެ އަތޮޅަށް ދަތުރު ފަށާފައިވާ ކަމަށެވެ.

އަދި މި ފެރީތައް ތ. އަތޮޅަށް ފުރާފައި ވަނީ ހިދުމަތް ފެށުމަށް ކުރަންޖެހޭ އެންމެހައި ތައްޔާރީތައް ކުރުމަށް ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އާރްޓީއެލް ފެރީގެ ހިދުމަތް ތ. އަތޮޅަށް ފުޅާވުމަކީ، އެ އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ގޮތުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމެކެވެ. ރަށްތަކުގެ ދެމެދުގައި ކުރެވޭ ދަތުރުތައް އަވަސްވެ، ވިޔަފާރިތަކަށް ހަލުވިކަން ލިބި، އާއްމު ރައްޔިތުންނަށް އަތޮޅުތެރޭގައި ހިނގާ ދަތުރުތައް އެތައް ގުނައަކަށް ފަސޭހަވެގެންދާނެ ކަމެކެވެ.

އާރްޓިއެލްގެ ހިދުމަތް ތ. އަތޮޅުގައި ފަށަން ތައްޔާރީތައް ވުމަށް ފެރީތައް އެ އަތޮޅަށް ދަތުރުކުރަނީ

ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމުން ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދަނީ 6 ޒޯނަކަށް ބަހާލައިގެނެވެ. މި ސަރުކާރު އައުމަށްފަހު މިނިސްޓްރީން ވަނީ ނ. އަތޮޅާއި ޅ. އަތޮޅަށް ފެރީގެ ހިދުމަތް ފޯރުކޮށްދޭން ފަށައިފައެވެ. ރ. އަތޮޅުގައި ހިދުމަތް ފެށުމުން، ރާއްޖޭގެ 10 އަތޮޅެއްގައި މިހާރު އާރްޓީއެލްގެ ހިދުމަތް ދެމުން ދެއެވެ.

އަދި ހަމަ އެހެންމެ އާރްޓީއެލް ފެރީގެ ހިދުމަތް ދޭއިރު ހުރިހާ ރަށެއްގައި ފެރީ ސްޓޮޕާއި ޓާމިނަލް އެޅުމަށް ވަނީ ނިންމާފައެވެ.