ފ. ފީއަލީގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފީއަލީގެ ރައްޔިތުންނާއެކު ބޭއްްވި ބައްދަލުވުމުގައެވެ. މި މަޝްރޫއު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައ،ި ކޮންސްޓްރަކްޝާން މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ.

މި މަޝްރޫއުގެ ދަށުން 34,674 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުން ކުރުމާއި، 301 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 19 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. ހަމައެއާއެކު 40 މީޓަރުގެ ސަރަހައްދެއްގައި ގްރޮއިން ޖެހުމާއި، 374 މީޓަރުގެ ބޭރު ތޮށިލުމާއި، 20 މީޓަރުގެ ޖެޓީއެއް ހެދުން ވެސް ހިމެނެއެވެ. މީގެ އިތުރުން ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 60.17 މިލިޔަން ރުފިޔާއަށް 550 ދުވަސް ތެރޭ ނިންމާގޮތަށެވެ.

1350 މީހުންގެ އާބާދީއެއް އޮންނަ ފީއަލީގެ ރައްޔިތުން އާމްދަނީ ހޯދުމަށްޓަކައި މައިގަނޑު ގޮތެއްގައި ކޮށްއުޅެނީ މަސްވެރިކަމެވެ. މި ރަށު ބަނދަރު ކުޑަވުމުން މުދާ އަރުވައި ބޭލުމަށާއި އަރައި ފޭބުމުގައި ދަތިތަކެއް ދިމާވާއިރު، މިއަދު ސޮއިކުރި މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، ޖާގަ ތަނަވަސް ބަނދަރެއް އެ ރަށު ރައްޔިތުންނަށް ލިބި ލަފާ ފުރުމުގަ އާއި މުދާ އަރުވައި ބޭލުމުގައި ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ.

ރައީސްގެ ދަތުރުފުޅުގެ ތެރެއިން ވަނީ ފީއަލީގައި މިސްކިތެއް އިމާރާތްކުރުމަށް އަފާފީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާވެސް ހަވާލުކޮށްފައެވެ. ހަމައެއާއެކު ފީއަލީގެ ތަރައްގީއަށް ހިންގާ ގިނަ މަޝްރޫއުގެ މަސައްކަތް މިއަދު ފަށާފައިވާ އިރު ބައެއް މަޝްރޫއުތަކުގެ ނިމުން ވެސް ވަނީ އިފްތިތާހު ކޮށްފައެވެ.