އެމްޑީޕީގެ ވެރިކަމެއްގައި ވޭޕް ހުއްދަކޮށް، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ގާނޫނު އުވާލާނެ ކަމަށް އެމްޑީޕިގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.

ފައްޔާޒް މިފަދައިން ވިދާޅުވީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެމްޑީޕީއިން ރާއްޖޭގެ ވެރިކަމާ ހަވާލުވެ، ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންދާ ހުރިހާ ގޯސް ކަމެއް ރަނގަޅު ކުރާނެ ކަމަށް ފައްޔާޒް ވިދާޅުވިއެވެ. މި ސަރުކާރުން ގާނޫނު އަސާސީ "އިރާލުމުގެ" ތެރެއިން ކޮށްފައި ހުރި މަސައްކަތްތައް އެމްޑީޕީގެ ވެރިކަމެއްގައި އިޔާދަކުރާނެ ކަމަށް ވެސް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

ރައީސް މުއިއްޒުއަށް އިޝާރާތް ކުރައްވާ ފައްޔާޒް ވިދާޅުވީ އެފަދަ އެހެން ވެރިއަކު އައިސް ގާނޫނު އަސާސީއާ "ނުކުޅެވޭ ވަރަށް" އެމްޑީޕީގެ ވެރިކަމެއްގައި ގާނޫނު އަސާސީއަށް އިސްލާހު ކުރާނެ ކަމަށެވެ.

ފައްޔާޒް ވިދާޅުވީ އެމްޑީޕީގެ ވެރިކަމެއްގެ ފުރަތަމަ ދުވަހު މީޑިއާ ރެގިއުލޭޝަން ގާނޫނު އުވާލާނެ ކަމަށެވެ.

މީގެއިތުރުން ރައްޔިތުންނަށް ދަތިވެފައި ހުރި ކަންތައްތައް ރައްޔިތުންގެ މަޝްވަރާއާއެކު ބަދަލު ކުރާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެގޮތުން ރައްޔިތުންގެ މަޝްވަރާގެ މަތިން ސިނގިރޭޓުގެ ޑިއުޓީ ކުޑަކޮށް، ވޭޕް ހުއްދަކުރާނެ ކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.