ސިވިލް ސާވިސް މުވައްޒަފުންނަށް މޫނުބުރުގާ އަޅައިގެން ވަޒީފާއަށް ދެވޭގޮތަށް ސިވިލް ސާވިސްގެ ގަވައިދުގެ 145 ވަނަ މާއްދާ އިސްލާހުކޮށްފިއެވެ.

މި އިސްލާހު ގެޒެޓުކޮށް އަމަލުކުރަން ފަށާފައިވާއިރު، މި އިސްލާހުގައި ބަޔާންކޮށްފައި ވާގޮތުގައި މުވައްޒަފުން ހިދުމަތް ދިނުމުގައި ތިބެންވާނީ އެކަށީގެންވާ ހެދުމެއްގައެވެ. އަދި އެ ހިދުމަތުގެ ގޮތުން ކާކުކަން އެނގެންޖެހޭ ފަދަ ހިދުމަތެއް ދޭ މުވައްޒަފަކު ނަމަ، އެ މުވައްޒަފުގެ ނަމާއި މަގާމު އެނގޭ ގޮތަށް ކާޑު ނުވަތަ ޓެގު ބޭނުންކުރަންވާނެ ކަމަށްވެސް ބަޔާންކޮށްފައިވެއެވެ.

މޫނުބުރުގާ އަޅައިގެން އުޅޭ އަންހެނުންނަށް މީގެކުރިން ވަޒީފާއަށް ނިކުތުމުގައި ދަތިތައް ހުރިނަމަވެސް މި އިސްލާހާއެކު ހަމަހަމަ ފުރުސަތުތަކެއް ފަހިވެގެންދާނެއެވެ.

މިކަމާ ގުޅިގެން ސިވިލް ސާވިސް ކޮމިޝަންގެ ކައުންސެލް ޖެނެރަލް އިބްރާހިމް ރަޝީދު ވިދާޅުވީ އެޅިގެންދިޔަ މި ފިޔަވަޅާއެކު މޫނު ބުރުގާ އަޅާ މުވައްޒަފަކަށް ރައްޔިތުންނަށް ހިދުމަތް ދެވިގެންދާނެ ކަމަށެވެ. އަދި މޫނުބުރުގާ އާއެކު ވަޒީފާއަށް ނުދެވުމުން ގާބިލު އެތައް މުވައްޒަފުންނެއް ވަޒީފާގެ މާހައުލުން މަހުރޫމުވެފައި ތިބި ކަމަށާއި އެފަދަ ހުރިހާ ފަރާތްތަކަށް ދެން ވަޒީފާއަށް ނިކުމެވޭނެކަމަށްވެސް ރަޝީދު ވަނީ ވިދާޅުވެފައެވެ.

ފާހަގަކުރެވޭ ގޮތުގައި މި ފަހުން ވަނީ ޝަރުއީ ދާއިރާގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ވެސް މޫނު ބުރުގާ އެޅުން ހުއްދަކޮށްފައެވެ.