ނޭޕާލްގެ އާ ބޮޑުވަޒީރަކަށް އައްޔަންކުރި ސުޝިލާ ކާރްކީއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަހުނިޔާ ފޮނުއްވައިފިއެވެ.
މިކަމާ ގުޅިގެން ރައީސް ފޮނުއްވި ތަހުނިޔާ މެސެޖުގައި ވަނީ ސުޝިލާ ކާރްކީ އަކީ ނޭޕާލްގެ ތާރީހުގައި، ފުރަތަމަ ފަހަރަށް އައްޔަންކުރެވުނު އަންހެން ބޮޑުވަޒީރުކަމަށާއި އެއީ މުހިންމު ކާމިޔާބީއެއްކަމުގައި ވިދާޅުވެފައެވެ.
އަދި އެކަމަނާގެ ވެރިކަމުގައި ހާސިލުކުރައްވަން ބޭނުންފުޅުވާ ލަނޑުދަނޑިތަކަށް ވާސިލުވުމުގައި، ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށްވެސް ރައީސްގެ މެސެޖުގައި ވިދާޅުވެފައިވެއެވެ. އިތުރަށް ރައީސް ވަނީ ބޮޑުވަޒީރު ސުޝިލާއަށް ދުޅަހެޔޮ ސިއްހަތަކަށް އެދިވަޑައިގަންނަވާކަމަށާއި، ނޭޕާލްގެ ރައްޔިތުންނަށް އަމަންއަމާންކަމާއި ކުރިއެރުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.
ފާހަގަކުރެވޭ ގޮތުގައި ނޭޕާލްގެ ކުރީގެ ބޮޑުވަޒީރު ހަދުޖާ ޕްރަސާދު ޝަރުމާ އޮލީ ވަނީ ނޭޕާލުގައި ސޯޝަލްމީޑިއާގެ ޕްލެތްފޯމްތައް މަނާކުރުމުން ޒުވާނުން މަގުތަކަށް ނިކުމެ ކުރަމުންދިޔަ މުޒާހަރާތަކުގައި ސަލާމަތީ ބާރުތަކާ ކުރިމަތިލުން ހިނގައި، 19 މީހަކު މަރުވި ހާދިސާއަށް ފަހު މަގާމުން އިސްތިއުފާ ދެއްވާފައެވެ.
ވެރިރަށް ކަތުމަންޑޫ އާއި އެނޫންވެސް ސިޓީތަކަަށް މުޒާހަރާ ފެތުރިފައިވާ އިރު ކޮންގްރެސް ޕާޓީގެ ރައީސް ރާމަޗަންދްރަ ޕައުދޭލްގެ ގެކޮޅަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ ގެއްލުން ދީފައެވެ.
ބޭރުގެ ހަބަރުތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ސުޝިލާ ކާރްކީ ވަނީ މި ހާދިސާގައި މީހަކު ނިޔާވެފައިވާ ހުރިހާ އާއިލާތަކަށް 1 މިލިއަން ރުޕީސް ނޭޕާލް ސަރުކާރުން ދޭނެކަމަށާއި، އަދި ހާދިސާގައި އަނިޔާވި ހުރިހާ ފަރާތްތަކަށް ބޭސްފަރުވާގެ އެހީ ހިލޭ ފޯރުކޮށްދޭނެ ކަމުގައި ވިދާޅުވެފައެވެ.