އާއިލާގެ މީހަކު ބަލިވެއްޖެނަމަ 30 ދުވަހުގެ ހާއްސަ ޗުއްޓީއެއް ލިބޭ ގޮތަށް ސިވިލް ސާވިސްގެ ގަވާއިދަށް އިސްލާހު ގެނެސްފިއެވެ.

އިއްޔެ ގެޒެޓުގައި އެ އިސްލާހުގައި ބުނެފައި ވަނީ ސިވިލް ސާވިސް މުވައްޒަފެއްގެ މަންމައަށް، ބައްޕަޔަށް، އަނބިމީހާއަށް /ފިރިމީހާއަށް، ދަރިޔަކަށް، އެއްބަނޑުއެއްބަފާ މީހަކަށް، އެއްބަފާ މީހަކަށް، އެއްބަނޑު މީހަކަށް ނުވަތަ ޝަރުއީ ގޮތުން ބަލަންޖެހިފައިވާ މީހަކު ބަލިވެއްޖެނަމަ، އަސާސީ މުސާރަ ލިބޭގޮތަށް "ހާއްސަ ސިއްހީ ބޭނުންތަކަށް ދެވޭ ޗުއްޓީ" ގެ ގޮތުގައި 30 ދުވަހުގެ ޗުއްޓީއެއް ދެވިދާނެ ކަމަށެވެ.

ޗުއްޓީ ދިނުމުގައި ބަލާނެ ކަންކަން:

  • ބަލިމީހާއަކީ ޓާމިނަލް އިލްނަސްއެއް ނުވަތަ ކްރޮނިކް ކޮންޑިޝަނެއް ތަހައްމަލުކުރަމުންދާ ފަރާތެއް ކަމުގައިވުން
  • ބަލީގެ ބާވަތާއި ބަލީގެ ސަބަބުން ފަރުވާއަށް ހޭދަވާނެ މުއްދަތު ބަޔާންކޮށް، ހެލްތް މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއްގެ މެޑިކަލް ސެޓުފިކެޓު ހުށަހެޅުން
  • އެހެން ގައުމެއްގެ ސިއްހީ މަސައްކަތްތެރިއަކު ދޫކޮށްފައިވާ މެޑިކަލް ސެޓުފިކެޓެއްނަމަ އެ ގައުމެއްގެ ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަރުކަޒެއްގެ ސިއްހީ މުވައްޒަފަކަށްވުން

މުވައްޒަފަކަށް ޗުއްޓީ ދޭނީ ސިވިލް ސާވިސް ކޮމިޝަނަށް ހުށަހަޅައި އެ ކޮމިޝަނުން ކަނޑައަޅާ ގޮތެއްގެ މަތީން ކަމަށް ވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން މުވައްޒަފަށް ދިމާވާ ސިއްހީ ހާލަތަކާ ގުޅިގެން އެ މުވައްޒަފަށް ދާއިމީ ގޮތެއްގައި ނުވަތަ ދިގު މުއްދަތަކަށް ވަޒީފާ އަދާކުރުމަށް ނުކުޅެދޭ ހާލަތްތައް ކަނޑައަޅާނީ އެކަން ބަޔާންކޮށް ހުށަހަޅާ ހެލްތް މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަސައްކަތްތެރިއެއް ސޮއިކޮށް، ލިޔުން ދޫކުރާ ތަނުގެ ތައްގަނޑު ޖަހައިފައިވާ ލިޔުމަށް ރިއާޔަތްކޮށް ކަމަށް އެ އިސްލާހުގައި ބުނެފައިވެއެވެ.

ރާއްޖެއިން ބޭރުގެ ސިއްހީ މަސައްކަތްތެރިއެއްގެ ލިޔުމެއް ކަމުގައިވާ ނަމަ، އެ ފަރާތަކީ އެ ގައުމެއްގެ ރަޖިސްޓަރީކޮށްފައިވާ ސިއްހީ މަރުކަޒެއްގެ ސިއްހީ މަސައްކަތެރިއެއް ކަމުގައި ވާންވާނެ ކަމަށް ވެސް ބުނެފައިވެއެވެ.