ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަކޮށްގެން ލުއިލޯނު ދިނުމުގެ ސްކީމަށް އެދުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އެކްސްގައި މިރޭ ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ކޮންޓެންޓް ކްރިއޭޓަރުންނަށް ހާއްސަކޮށްގެން ލުއިލޯނު ދިނުމުގެ ސްކީމެއް ހުޅުވާލުމަށް ކުރަންޖެހޭ ފަންނީ މަސައްކަތްތައް ނިމުމަކާ ހަމަޔަށް މިހާރު ގޮސްފައިވާ ކަމަށެވެ.
އަދި މި ލޯން ތައާރަފް ކުރުމުގެ މަގްސަދަކީ ކްރިއޭޓިވް އިކޮނޮމީގެ ދައުރު އިތުރަށް ފުޅާކޮށް، އެދާއިރާގައި އިތުރަށް ހަރަކާތްތެރިވުމުގެ ފުރުސަތު ދިވެހި ޒުވާނުންނަށް ފަހިކޮށްދިނުން ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
މި ސްކީމް ޑިޒައިންކޮށްފައި ވަނީ މީޑިއާ ކޮންޓެންޓް، އޯޑިއޯ ވީޑިއޯ އިމޭޖް ޕްރޮޑަކްޝަން، އެންޓަޓެއިންމަންޓްގެ އިތުރަށް ސޭލްސްއާއި މާކެޓިންއަށް ހާއްސަ ކޮންޓެންޓްގެ ދާއިރާއަށް ފުރުސަތު ލިބޭގޮތަށް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ސްކީމަށް އެދުމުގެ ފުރުސަތު ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ހުޅުވާލަން ދަންނަވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ކޮންޓެންޓް ކްރީއޭޓަރުންނަށް އެއްބާރުލުން ދިނުމާ ގުޅޭގޮތުން އެމެރިކާގެ ޓްރޭޑް ރިޕްރެޒެންޓޭޓިވް އޮފީހާއެކު މިދިޔަ އަހަރުގެ ޖުލައި މަހު ވަނީ މަޝްވަރާތަކެއް ވެސް ކުރިއަށް ގެންގޮސްފައެވެ. އެ ބައްދަލުވުމުގައި، ރާއްޖޭގައި ޑިޖިޓަލް ކްރިއޭޓަރުންނަށް އެއްބާރުލުމާއި އެހީތެރިކަން ހޯދައިދީ، ބޮޑެތި ބައިނަލްއަގްވާމީ ޕްލެޓްފޯމްތައް ރާއްޖޭގައި ބޭނުން ކުރެވޭނެ ގޮތް މަގުފަހިކުރުމާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންގޮސްފައި ވެއެވެ.
ރާއްޖޭގައި ކްރިއޭޓާ އިކޮނޮމީއެއް ގާއިމް ކުރުމަކީ ރައީސްގެ ވައުދުފުޅަކަށް ވާއިރު ދައުލަތުގެ ގިނަ ވުޒާރާތައް އެކުލެވޭގޮތަށް ނޭޝަނަލް ކްރިއޭޓިވް އިކޮނޮމިކް ކޮމެޓީގެ ނަމުގައި ކޮމެޓީއެއް އެކުލަވާލައި އެ ކޮމެޓީން ޤައުމީ ފެންވަރުގައި ކްރިއޭޓިވް އިކޮނޮމީއެއްގެ ސްޓްރެޓެޖީއެއް އެކުލަވާލުމަށް ސަރުކާރުން މީގެ ކުރިން ނިންމާފައި ވެއެވެ.