އުސޫލާ ހިލާފު އަމަލުތައް ތަކުރާރުކޮށް ކުރަމުން ގެންދާ ކަމަށް ބުނެ "މީޑިއާ ފެންޑާ" އުވާލައިފިއެވެ.
"މީޑިއާ ފެންޑާ" އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަދެނުކުމެވާ ދެކުނު ފަރާތު ރަސްމީ ދޮރާށީގެ ކުރިމަތިން އޮންނަ ބިމުގައި، ދިވެހިރާއްޖޭގެ މީޑިއާތަކަށް ބޭނުންކުރެވޭ ގޮތަށް ތައްޔާރުކޮށްފައިވާ ތަނެކެވެ. ނޫސްވެރިންނަށް ފަސޭހަައިން މަސައްކަތް ކުރެވޭނެ އިންތިޒާމުތަކާއެކު ގާއިމްކުރި މީޑިއާ ފެންޑާ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ހުޅުވާދެއްވީ މިދިޔަ މެއި މަހުގެ 29 ވަނަ ދުވަހުއެވެ.
އެ ފެންޑާ ހުޅުވައި، ބޭނުންކުރުމުގައި އަމަލު ކުރަންވީ އުސޫލު، އެ ތާރީހުގައި، ރައީސް އޮފީހުގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްފައިވީ ނަމަވެސް، މީޑިއާ ފެންޑާ ބޭނުންކުރުމުގެ ހުއްދަ ހޯދާފައި ނުވާ ބަޔަކު، މީޑިއާ ފެންޑާއަށް ނޫސްވެރީންގެ ނަމުގައި ވަދެ، އެތަން ބޭނުންކުރުމުގެ އުސޫލުތަކާ ހިލާފު އަމަލުތައް ތަކުރާރުކޮށް ހިންގަމުން ގެންދާ ކަމަށް ރައީސް އޮފީހުން ފާހަގަކޮށްފައި ވެއެވެ.
"އަދި ގްރީންޒޯންގައި ހުންނަ މި ތަނުގައި އާއްމު މަސްލަހަތު ގެއްލޭ، އަދި އާއްމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފު އަމަލުތައް ތަކުރާރުކޮށް ކުރަމުން ދިއުމުގެ ސަބަބުން، އެ ސަރަޙައްދުގައި ހުންނަ ސަރުކާރުގެ އޮފީސްތަކަށް ހިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ދަތިތަކާ ދަނީ ކުރިމަތިވަމުން،". ރައީސް އޮފީހުގެ ބަޔާނުގައި ވެއެވެ.
ހަމަ އެހެންމެ ހުއްދަ ނުނަގާ ބަޔަކު މީޑިއާ ފެންޑާއަށް ވަދެ، އެތަނުގައި ހަބަރާއި މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަން ހުރަސް އަޅައި، ގްރީންޒޯންގެ ނިޒާމު ގެއްލޭގޮތަށް އަމަލުކުރަމުން ދިއުމަކީ، މީޑިއާ ފެންޑާ ބޭނުންކުރުމަށް ކަނޑައަޅައި އާންމުކޮށްފައިވާ އުސޫލުގެ ބައެއް މާއްދާތަކާ ހިލާފު ގާނޫނީ ކުށެއްކަން ފާހަގަކޮށް ރައީސް އޮފީހުން ބުނީ މީޑިއާ ފެންޑާ އުފެއްދި ބޭނުން އެތަން ހުޅުވީއްސުރެ މި ފާއިތުވީ ތިން މަހެއްހައި ދުވަހުވެސް ހިފަމުން ނުގެންދާ ކަމަށެވެ.
އަދި އެ ސަރަގައްދުގައި ހިނގާ ކަންކަމުގެ ހަބަރާއި މައުލޫމާތު ކަވަރުކުރުމުގެ އިންތިޒާމު އެކަމަށް ބޭނުންވާ ނޫސްވެރީންނަށް އެހެން ގޮތަކަށް ހަމަޖައްސައިދިނުމަށްޓަކައި، މިއަދުން ފެށިގެން މީޑިއާ ފެންޑާ އުވާލާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ.
މީޑިއާ ފެންޑާ އުވާލިއިރު ގިނަ ބާރުތަކެއް ސަރުކާރަށް ލިބޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލާ މެދު ގިނަ ނޫސްވެރިންތަކެއް ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅި އެ ބިލާ ދެކޮޅަށް ނޫސްވެރިންނާއި އާންމުން ވެސް ދަނީ އަޑު އުފުލަމުންނެވެ.