ރާއްޖެއަށް އެތެރެކޮށް ވިއްކާ އަސާސީ ކާބޯތަކެތި ލިސްޓަށް އިތުރު ކުރި ބާވަތްތައް އިކޮނޮމިކް މިނިސްޓްރީން މިއަދު އާންމުކޮށްފިއެވެ.

ތަފާތު މޭވާގެ ބާވަތްތައް އަގުބޮޑުވެފައިވާ މި ދަނޑިވަޅުގައި 10 ބާވާތެއްގެ މޭވާއާއި 10 ބާވަތެއްގެ ތަރުކާރީ އެސްޓީއޯއިން ގަނޑުކޮށް އެތެރެ ކުރަން ވަޒީރުންގެ މަޖިލީހުން ނިންމާފައި ވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރެއްވީ މި މަހުގެ 10 ވަނަ ދުވަހުއެވެ.

އެގޮތުގެ މަތިން ރާއްޖޭގައި ޒަމާނުއްސުރެ ކަނޑައަޅާފައިވާ ކާޑުގެ ބާވަތްތައްކަމުގައިވާ ހަނޑޫ، ހަކުރު، ފުށުގެ އިތުރުން އަސާސީ ކާބޯތަކެޓިގެ ލިސްޓަށް އިތުރު ކުރީ މޭވާގެ ބާވަތްތަކަކީ:

  1. ދޮންކެޔޮ
  2. އާފަލު
  3. އޮރެންޖް
  4. ލުނބޯ
  5. ޖުމްހޫރީ މޭވާ
  6. އަނބު
  7. ފަޅޯ
  8. ކަރާ
  9. މިރުސް
  10. މޭބިސް ކަދުރު

އަދި ހަމަ އެހެންމެ އެ ލިސްޓަށް އިތުރުކުރި ތަރުކާރީގެ ބާވަތްތަކަކީ ފިޔާ، އިނގުރު، ކެރެޓް، ބަށި، ކައްޓަލަ، ލޮނުމެދު، އަލުވި، ކެބެޖް، ބަރަބޯ އަދި ބޯވެއްޔެވެ. މީގެ އިތުރުން ވެސް މުގު، ކުކުޅު ބިސް، އަދި ކާށި ހިމެނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ، މި ބާވަތްތައް އޮކްޓޯބަރު 13 ގައި ލިބެން ހުންނަންޖެހޭނެކަން އެސްޓީއޯއިން ޔަގީންކުރަންޖެހޭނެެ ކަމަށެވެ.

މޭވާއާއި ތަރުކާރީގެ އަގު ރާއްޖޭގައި އަގުހެޔޮކުރަން މަސައްކަތްކުރަމުން ގެންދަވާކަމަށް ރައީސް މީގެ ކުރިން ވެސް ވަނީ ވިދާޅުވެފައެވެ. މިދިޔަ މާޗް މަހު 'ރައްޔިތުންނާ އެކު' ޕޮޑްކާސްޓުގައި މީހަކު ވަނީ އާންމު ދުޅަހެޔޮކަމަށް މަގުފަހިކޮށްދެއްވުމުގެ ގޮތުން ސަރުކާރުން އަޅަން ނިންމާފައިވާ ފިޔަވަޅުތަކާ މެދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ފުޑް ސެކިއުރިޓީ ގާއިމުކުރުމަށްޓަކައި ފައްޓަވާފައިވާ މަޝްރޫއުތަކުގެ ތެރޭގައި ރާއްޖޭގެ އާބާދީއަށް ބޭނުންވާ މިންވަރަށް ރާއްޖޭގައި ކާބޯތަކެތި އުފެއްދުމުގެ އަމާޒެއް ކަނޑައަޅުއްވާފައިވާނެ ކަަމަށެވެ.

އޭގެ އިތުރުން އެސްޓީއޯ މެދުވެރިކޮށް ރާއްޖެއަށް އެންމެ ގިނައިން އެތެރެކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް ފާހަގަކޮށް، އެ ބާވަތްތައް ހެޔޮ އަގެއްގައި ލިބޭނޭ އިންތިޒާމު ހަމަޖައްސައިގެން މޭވާ އާއި ތަރުކާރީގެ އަގުހެޔޮ ކުރެވިދާނޭކަމަށް ވެސް ރައީސް އޭރު ވިދާޅުވިއެވެ.