ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމްގެ މަޝްރޫ އާއި ރަށްރަށުގައި ހިންގާ މަޝްރޫއުތަކާ ގުޅިގެން ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބްއާ ބައްދަލު ކުރަން ގޮވާލައި އެމްޑީޕީގެ އިސް މެންބަރުންނާއި ސަޕޯޓަރުން ހައުސިން މިނިސްޓްރީ ދޮށުގައި އިހުތިޖާޖުކުރަން ފަަށައިފިއެވެ.
ދަރުބާރުގެ ކައިރީގައި މިއަދު ހެނދުނުން ފެށިގެން އެމްޑީޕީ މެންބަރުންނައި ސަޕޯޓަރުން އެއްވެ "ލޫޓުވާލައިފި ލޫޓުވާލައިފި" ނަމުގައި ހިންގާ އިހުތިޖާޖުގައި އަންނަނީ ކުރީ ސަރުކާރުން ހުޅުވާލި ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމާ ގުޅިގެން ހުރި ކަންބޮޑުވުންތައް ހިއްސާ ކުރަމުންނެވެ. އެގޮތުން ގެދޮރުވެރިޔާ ސްކީމާ ގުޅިގެން އެގޮތުން 4000 ފްލެޓް ހަވާލު ކުރުމުގެ މަސައްކަތް އަވަސްކުރުމަށް ގޮވާލަމުން އަންނަ އިރު، ފްލެޓްތަކުގެ އަގު އެމްޑީޕީ ސަރުކާރުން ކަނޑައެޅި ވަރަށް ތިރި ކުރުމަށް ވެސް އަންނަނީ ގޮވާލަމުންނެވެ. ހަމައެއާއެކު ފްލެޓްތަކުން ނަގަން ނިންމާފައިވާ އެޑްވާންސް ފައިސާ ނުނެގުމަށް ވެސް އިހުތިޖާޖުގެ ބައިވެރިން އަންނަނީ ގޮވާލަމުންނެވެ.
ބިންވެރިޔާ ސްކީމާ ގުޅިގެން އިހުތިޖާޖުގެ ބައިވެރިން އަޑު އުފުލަމުން ދަނީ މަލެ ސަރަހައްދުން ގޯތި ދޫކުރުމަށް ހިންގާ ސްކީމުގެ ގޯތިތައް އވަަހށް ދޫކުރުމަށެވެ. ގުޅިފަޅު ހިއްކާ ނިންމާފައިވާ އިރު އެތަނުން އަވަހަށް ގޯތި ދޫކޮށް ހުޅުމާލެ ފޭސް 3 ހިއްކައި ނިންމުމަށައި އަދި ގިރާވަރުފަޅު އަވަހަށް ހިއްކައި އެތަންތަނުން ވެސް ގޯތި ލިބިފައިވާ ފަރާތްތަކަށް އަވަހަށް ގޯތި ދިނުމަށް އަންނަނީ ގޮވާލަމުންނެވެ. މީގެ އިތުރުން ބިންވެރިޔާ ސްކީމުން ގޯތި ދިނުމަށް ފަހު އެތަނުގައި ގެދޮރު އިމާރަތްކުރުން ވެސް ސަރުކާރު ހަރަދުގައި ކުރިއަށް ގެންދިއުމަށް އަންނަނީ ގޮވާލަމުންނެވެ.
މިމަހުގެ އެއް ވަނަ ދުވަހު އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި ވަނީ ސިލްސިލާ މުޒާހަރާތަކެއް ހިންގުމަށް ނިންމާފައެވެ. އެގޮތުން އަންނަ މަހުގެ ތިން ވަނަ ދުވަހު މި ސިލްސިލާ މުޒާހަރާތައް ފަށަން ނިންމާފައި ވާ އިރު، މިހާރު ވެސް އެމްޑީޕީން އަންނަނީ އިހްތިޖާޖުތައް ހިންގަމުންނެވެ.
އެގޮތުން މިއަދު ހައުސިން މިނިސްޓްރީ ކައިރިއަށް އެއްވި ސަބަބު ހާމަ ކުރައްވަމުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ، މިނިސްޓްރީ ކައިރިއަށް އެއްވެ އަޑު އުފުލަން ޖެހުނީ ރައްޔިތުން ގިނަ ކަންބޮޑުވުންތަކެއް ހުރި ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމާ ގުޅުން ހުރި ކަންކަމާ ގުޅިގެން ހައުސިން މިނިސްޓަރު މަޖިލީހަށް ހާޒިރު ކުރުމަށް އެދި މިނިސްޓަރާ ބައްދަލު ކުރުމަށް ވެސް އެދި އެތައް ސިޓީއެއް ލައިގެން މިނިސްޓަރާ ބައްދަލުވާ ގިތް ވެފައި ނުވާތީ ކަމަށެވެ. ހަމައެއާއެކު އެމްޑީޕީ ޕީޖީ ގްރޫޕިން ވެސް މިނިސްޓަރާ ބައްދަލު ކުރުމަށް އެދިފައިވާ ކަމަށާއި ތިން މަސް ދުވަސް ވީ އިރުވެސް އަދިވެސް މިނިސްޓަރާ ބައްދަލު ނުވާ ކަމަށް މައުރޫފް ވިދާޅުވިއެވެ.
އެމްޑީޕީގެ ޝަކުވާގެ ތެރެގައި ހިމެނެނީ ހަމައެކަނި ބޯހިޔާވަހިކަމުގެ މައްސަލަތައް ނޫން ކަން މައުރޫފް ފާހަގަ ކުރެއްވިއެވެ. އެގޮތުން ރަށްރަށުގައި ހިންގަމުން އަންނަ ބައެއް މަޝްރޫއުތައް ހުއްޓިފައިވާ މައްސަލަ އާއި އަނެއް ބައި މަޝްރޫއުތައް ނުފެށި ދިގުލައިގެންދާ މައްސަލައަކީ ވެސް ހުރި ކަންބޮޑުވުންތަކެއް ކަމަށް މައުރޫފް ފާހަގަކުރެއްވިއެވެ.