ގަވާއިދާ ހިލާފަށް ސިނގިރޭޓު ވިއްކާކަމުގެ ތުހުމަތުގައި ބައިލައްކައަށްވުރެ ގިނަ ރުފިޔާއާއެކު ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 32 އަހަރުގެ އެމްޑީ ސައްދާމް ހުސެންއެވެ.
ފުލުހުން ބުނީ އިއްޔެގެ ވަގުތެއްގައި ހުޅުމާލެ ފޭސް 1، ކަންނެލި ޖެޓީ ކައިރީގައި އިން މީހަކަށް ރަށުތެރެ ޕެޓްރޯލް ކުރަމުންދިޔަ ފުލުހުން ފެނުމުން، އަމަލުތައް ހުރި ގޮތުން ތުހުމަތު ކުރެވިގެން އޭނާ ހުއްޓުވައި ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
އެގޮތުން އޭމީހާ އާއި އޭމީހާއާ ގެންގުޅުނު ތަކެތި ބަލައިފާސްކުރި 53،000 އަށްވުރެ ގިން ދިވެހި ރުފިޔާގެ އިތުރުން ގިނަ އަދަދެއްގެ ސިނގިރޭޓު ފޮއްޓާއި ދުންފަތާއި ސިނގިރޭޓު ފިލްޓަރު އަދި ރިޒްލާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެތަކެތީގެ އިތުރުން ސިނގިރޭޓު އަނބުރަން ބޭނުންކުރާ ފޮއްޓެއް ފެނިފައިވާކަން ފުލުހުން ވަނީ ފާހަގަކޮށްފައެވެ.
އެހެންކަމުން އޭނާ ގަވާއިދާ ހިލާފަށް ސިނގިރޭޓު ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.