އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރު ހުސައިން ހަސަން ހައްޔަރުކުރީ ފުލުހުންގެ ވަޖީބަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ކަމަށް ފުލުހުން ބުނެފިއެވެ.

ހުސައިން ހަސަން ހައްޔަރުކޮށްފައި ވަނީ ރޭގެ ވަގުތެއްގައެވެ.

ފުލުހުން ބުނީ މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ކުރިއަށް ދިޔަ ސީނެއްގެ ތެރެއަށް ހުސައިން ހަސަން ވަދެ ފޮޓޯ އަދި ވީޑިއޯ ނަގަން ފެށުމުން ފުލުހުންގެ މަސައްކަތަށް ދަތި ނުވާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ.

އެ ގޮތަށް ނަސޭހަތްތެރިވުމުން އެކަމަށް ޖަދަލުކޮށް، ފުލުހުންގެ އެންގުމާ ހިލާފަށް ސީން ތެރެއަށްވަދެ އެވިޑެންސްގެ ފޮޓޯ ނަގަން ހުސައިން ހަސަން މަސައްކަތް ކުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ވާޖިބަށް ހުރަސް އެޅުމުގެ ތުހުމަތުގައި ކަމަށެވެ.

އެމްޑީޕީއިން ވަނީ ހުސައިން ހަސަން ހައްޔަރުކުރުން ކުށްވެރިކޮށްފައެވެ. އަދި އޭނާ ދޫކޮށްލުމަށް ވެސް އެ ޕާޓީއިން ވަނީ ގޮވާލާފައެވެ.