ސްރީ ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އިންތިޒާމުކޮށްގެން އެ ގައުމުގައި ބޭއްވި ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކޮށް ގައުމީ ޓީމު އެނބުރި ރާއްޖެ އައުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

ދެ މެޗުގެ އުސޫލުން ކުޅުނު ސުޕަ ކަޕް ރާއްޖޭން ކާމިޔާބުކުރީ ފަހު މެޗުގައި އިއްޔެ ލަންކާގެ ރޭސްކޯސް ސްޓޭޑިއަމްގައި ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވި ނަމަވެސް ފުރަތަމަ މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް 4-1 ގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.

މި ތާރިހީ ނަތީޖާއަށްފަހު ގައުމީ ޓީމު ރާއްޖެ އެނބުރި އައިސްފައި ވަނީ މިއަދު މެންދުރު 14:25 އެހާއިރުއެވެ. އެއާއެކު ވެލާނާ އެއާޕޯޓުން ގައުމީ ޓީމަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި ޓީމަށް މަރުހަބާ ކިޔާ، ތައްޓާއެކު ފޮޓޯ ނެގުމަށް އާންމުންނަށް އެ ފުރުސަތު ހުޅުވާލައިގެން ގަލޮޅު ދަނޑުގައި ވެސް ވަނީ ހާއްސަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފައެވެ.

ސުޕަ ކަޕް ބާއްވަން މަސައްކަތް ކޮށްފައި ވަނީ ދެކުނު އޭޝިއާގެ ހަތަރު ގައުމެއްގެ މެދުގައި ނަމަވެސް އިތުރު ގައުމަކުން އެ ދައުވަތު ގަބޫލުކޮށްފައި ނުވެއެވެ. އެހެންކަމުން ލަންކާއިން ނިންމީ ރާއްޖެއާ އެކު ދެ ލެގު އުސޫލުން މުބާރާތް ބާއްވާށެވެ.

މިއީ 2018 ވަނަ އަހަރަށް ފަހަރު ބައިނަލްއަގްވާމީ މުބާރާތަކުން ރާއްޖެ ތައްޓެއް އުފުލާލި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ބައިނަލްއަގުވާމީ ޓްރޮފީއެއް ލިބުނީ 2018 ވަނަ އަހަރު އިންޑިއާގައި ބޭއްވި ސާފް މުބާރާތުގައެވެ. މިއީ ފީފާ ސްޓޭންޑަޑް މުބާރާތެއް ނޫން ނަމަވެސް ފުޓްބޯޅަ އަޑި އަޅާލާފައިވާ މި ދަނޑިވަޅުގައި މިއީ ގައުމީ ޓީމުން ހޯދި ބޮޑު ކާމިޔާބީއެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ