ބިދޭސީ މަސައްކަތްތެރިންނަށް އިހުމާލުވާ ފަރާތްތަކާމެދު އަންނަ ހޯމަ ދުވަހުން ފެށިގެން ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓްރީއިން ބުނެފިއެވެ.

ހޯމް މިނިސްޓްރީއިން ކުރި އިއުލާނެއްގައި ބުނީ ބިދޭސީންނަށް އިހުމާލުވާ ފަރާތްތަކާމެދު އެކްސްޕެޓް ޕޯޓަލް މެދުވެރިކޮށް ފިޔަވަޅު އަޅަމުންދާނެ ކަމަށެވެ.

އެގޮތުން ވަޒީފާއާބެހޭ ގާނޫނަށް ގެނެސްފައިވާ އިސްލާހުގައިވާ ގޮތުގެ މަތިން ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މުވައްޒަފަކު ގެނައުމަށްފަހު އެ ބިދޭސީ މުވައްޒަފަކަށް އިހުމާލުވެއްޖެނަމަ، ވަޒީފާދޭ ފަރާތް 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެ ކަމަށް ހޯމް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މީގެއިތުރުން ވަޒީފާއާ ބެހޭ ގާނޫނުގެ 7-65 ވަނަ މާއްދާގެ (ށ) ގައި ބަޔާންކޮށްފައިވާ ހާލަތްތަކުގައި ނުހިމެނޭ ކަންކަމުގައި، ގާނޫނުގެ 8-65 ވަނަ މާއްދާގެ (ހ) ގައި ބަޔާންކުރާ ގޮތުގެމަތިން 100،000 ރުފިޔާއަށްވުރެ ބޮޑުނޫން އަދަދަކުން ޖޫރިމަނާ އެ ފަރާތްތައް ޖޫރިމަނާ ކުރާނެ ކަމަށް ވެސް ހޯމް މިނިސްޓްރީގެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

ހޯމް މިނިސްޓްރީއިން އިތުރަށް ބުނީ ވަޒީފާދޭ ފަރާތުން ޖޫރިމަނާގެ ފައިސާ ދައްކާ ހަލާސް ކުރުމުން މެނުވީ، އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް އިތުރު އެއްވެސް ހިދުމަތެއް އެ ފަރާތްތަކަށް ފޯރުކޮށް ނުދޭނެ ކަމަށެވެ.