އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ 12 މެންބަރުން ފިނޭންސް މިނިސްޓްރީއަށް ވަޑައިގެންފިއެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ އިތުރުން އެ ޕާޓީގެ މެންބަރުން ވަނީ މިއަދު ފިނޭންސް މިނިސްޓްރީ ދޮށަށް އެއްވެ މާލީ ކަންތައްތަކާ ގުޅިގެން ކަންބޮޑުވުންފާޅުކޮށް މިނިސްޓަރާ ބައްދަލުކުރުމަށް އެދި އިހުތިޖާޖުކޮށްފައެވެ.
ނޫސްވެރިންނާ ބައްދަކުރައްވާ ކެންދޫ ދާއިރާގެ މަޖިލިސް މެންބަރު މައުރޫފު ޒާކިރު ވިދާޅުވީ މިއަދު ފިނޭންސް މިނިސްޓްރީ ދޮށުގައި އިހުތިޖާޖުކުރީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުއާ ކުރެއްވި އެއްވެސް ސުވާލަކަށް ޖަވާބެއް ދެއްވާފައިނުވުމާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޖަވާބެއް ހޯދުމަށް ކަމަށެވެ.
އެގޮތުން 16 ސުވާލު ފިނޭންސް މިނިސްޓަރާ ކުރައްވާފައިވާނެ ކަމަށާއި ބައެއް ސުވާލުތައް ކުރިފަހުން އަހަރެއްވުމާ ގާތަށް ގޮސްފައިވާއިރު އެ ސުވާލުތަކަށް ޖަވާބު ދިނުމަށް އަދިވެސް މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށްފައިނުވާ ކަމަށް މައުރޫފު ވިދާޅުވިއެވެ.
މައުރޫފު ވިދާޅުވީ ފުރަތަމަ ފިނޭންސް މިނިސްޓްރީއަށް ވަންނަން މަސައްކަތް ކުރެއްވުމުން އެކަމަށް ހުރަސްއެޅި ކަމަށެވެ. އަދި މިހާރު އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެންބަރުން މިނިސްޓްރީގައި ތިއްބެވި ނަމަވެސް އަދިވެސް މިނިސްޓްރީގެ އިސް ފަރާތަކާ ބައްދަލުކުރެވޭ ގޮތް ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އެމްޑީޕީއިން ބުނީ ފިނޭންސް މިނިސްޓަރާ ނުވަތަ އެ މިނިސްޓްރީގެ އިސް ފަރާތަކާ ބައްދަލުކޮށް ގައުމުގެ މާލީ ހާލަތާ ގުޅޭ މައުލޫމާތު ސާފުކުރާނެ ކަމަށެވެ. އަދި އުންމީދަކީ މިނިސްޓަރު މަޖިލީހަށް ހާޒިރުކޮށް، ސުވާލުތަކުގެ ޖަވާބު ހޯދުން ކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ.