އައްޑޫ ސިޓީން ރޭ ދަންވަރު ކަރަންޓުގެ ހިދުމަތް ކެނޑިފައިވަނީ ސަބްސްޓޭޝަންގެ ކޭބަލަކަށް މީހަކު ގެއްލުން ދޭން އުޅުމުގެ ތެރޭގައި ކަރަންޓު ޝޯޓެއް ހިނގައި ސެންޓްރަލް ޕަވާ ހައުސް އެއްކޮށް ޑައުންވުމުންކަމަށް ފެނަކައިން ބުނެފިއެވެ.

ރޭ ދަންވަރު 2:40 ހާއިރު އައްޑޫގެ ސިޓީގެ ގުޅިފައިވާ އަވަށްތަކުން ކަރަންޓު ކެނޑިފައިވާއިރު މުޅި ސިޓީއަށް އަލުން ކަރަންޓު ދެވުނީ ފަތިހު 5:55 ހާއިރިއެވެ. އައްޑޫ އިން ކަރަންޓު ކެނޑުމާއި ގުޅިގެން ފެނަކައިން ނެރުނު ބަޔާނެއްގައި ބުނީ އެ ކުންފުނީގެ އެލާމް ސިސްޓަމަށް ނޮޓިފިކޭޝަންތައް ލިބި އައްޑޫގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ހިދުމަށް ކެނޑިފައިވާކަން ސަމާލުކަމަށް އައުމާއެކު ކަރަންޓު ދިނުމުގެ މަސައްކަތް ކޮށްފައިވާ ކަމަށެވެ. އަދި ކުރެވުނު މަސައްކަތުން މި މައްސަލަ ދިމާވި ސަބަބު ހޯދިފައިވާކަން ފާހަގަކޮށް ފެނަކައިން ބުނީ އައްޑޫގެ 41 ނަމްބަރު ސަބްސްޓޭޝަންގެ ކޭބަލަކަށް މީހަކު ގެއްލުން ދޭން މަސައްކަތް ކޮށްފައިވާކަމަށެވެ.

މީގެ އިތުރުން ފެނަކައިން ބުނީ މިފަދަ އަމަލުތަކަކީ ކުންފުނީގެ މުދަލަށް ގެއްލުން ލިބުމާއި، އާންމު ރައްޔިތުންނަށް ތަކުލީފު ލިބުމުގެ އިތުރުން، އެފަދަ އަމަލެއް ކުރާ ފަރާތްތަކަށާއި ނުވަތަ އަމަލުގައި ބައިވެރިނުވާ ފަރާތްތަކުގެ ހަށިގަނޑާއި ފުރާނައަށް ނުރައްކާ ވެދާނެ ފަދަ ކަންކަން ކަމަށެވެ. އެހެންކަމުން މިފަދަ އަމަލުތައް ނުކުރުމަށް ފެނަކައިން ވަނީ އިލްތިމާސްކޮށްފައެވެ.

ކޭބަލް ބުރިކުރަން އުޅުނު މީހާ، ކަރަންޓު ޖެހިގެން އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާދެމުން އަންނައިރު ' ދަ ޕްރެސް'އަށް މައުލޫމާތު ލިބިފައިވާ ގޮތުން އިތުރު ފަރުވާއަށް އޭނާ މާލެ ފޮނުވާލުމަށް އަންނަނީ މަސައްކަތްކުރަމުންނެވެ. އަދި މި ހާދިސާގައި އޭނާގެ އެއް އަތް ވަރަށް ބޮޑަށް ވަނީ ފިހިފައެވެ.