އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ)ގެ ބަޖެޓް 10 ޕަސެންޓު ބޮޑު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިިއެވެ.
އެކަން އިއުލާން ކުރައްވާ މިރޭ އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އިތުރަށް ބާރުވެރި ކުރުވުމަށްޓަކައި، 2026 ވަނަ އަހަރަށް ބަޖެޓު ހުށަހެޅުމުގެ ކުރިން، 2 ބަދަލު ގެނައުމަށް ނިންމަވާފައިވާ ކަމަށެވެ. އެގޮތުން އެ ދެ ބަދަލަކީ:
- އެގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ބަޖެޓުގެ ގޮތުގައި، ކައުންސިލްގެ ބަޖެޓުން ދެމުން ގެންދާ 5 ޕަސެންޓު ދެގުނަ ބޮޑުކޮށް 10 ޕަސެންޓަށް ބަދަލުކުރެއްވުން
- އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނަށް ދޭ ރަމަޟާން މަހުގެ އެލަވަންސް، އެ ކޮމިޓީގެ ބަޖެޓުން ދިނުމުގެ ބަދަލުގައި ކައުންސިލްގެ ބަޖެޓުގެ ތެރެއިން ދިނުން
އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ގެ މެމްބަރުންނަށް އެލަވަންސް ދިނުމުގެ ބަދަލުގައި ރަސްމީ މުސާރަ އާއި ރޯދަމަހުގެ އިނާޔަތް ލިބޭ ގޮތަށް އެންމެ ފުރަތަމަ ބަދަލުކުރެއްވީ ރައީސް މުއިއްޒުއެވެ.
އަދި މިދިޔަ ރަމަޟާން މަހުން ފެށިގެން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންނަށް ރޯދަ އިނާޔަތް ދެވޭ ގޮތަށް ގާނޫނަށް ބަދަލު ގެނެސް އެލަވަންސް ދޭން ވަނީ ފަށާފައެވެ. އަދި އެ އިސްލާހު ގެނައުމަށް ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ފެބްރުއަރީ 10ގައެވެ.