މީޑިއާ ބިލަކީ އަޑު ކަނޑުވާލުމުގެ ބިލެއް ނޫންކަމަށާއި އެއީ ރައްޔިތުންގެ އަބުރު ހިމާޔަތް ކުރާނެ ބިލެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ސިނާން ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސިނާން ވިދާޅުވީ ރާއްޖޭގައި އެންމެންވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ވަރަށް ބޮޑަށް ލޯބިކުރާކަން ފާހަގަ ކުރެވޭކަމަށާއި، ނަމަވެސް އަބުރު ރައްކާތެރިކުރުމާއި ދޮގު މައުލޫމާތު ލިޔުމުން ކުރިމަތިވާ ނުރައްކާތައްވެސް އެބަ އިނގޭ ކަމަށެވެ. ސިނާން ވިދާޅުވީ އެންމެ ދޮގު ވާހަކައަކުން ވެސް އަބުރު ގެއްލި، މުޖުތަމައުތަކުގެ ތެރޭގައި ބައިބައިވުން އުފެދި ޑިމޮކްރަސީ ގެއްލޭކަމަށާއި މިކަމުގެ ސަބަބުން އާއިލާތަކާއި މަސައްކަތްތެރިންނާއި ޒުވާނުން ހިމެނޭގޮތަށް ރައްޔިތުންނަށް ނުރައްކާ ކުރިމަތިވާކަމަށެވެ.
ސިންގަޕޫރާއި އިނގިރޭސިވިލާތް އަދި ޖަރުމަނު ފަދަ ގައުމުތަކުގައިވެސް މީޑިއާ ރެގިއުލޭޓު ކުރާކަން ފާހަގަކުރައްވާ ސިނާން ވިދާޅުވީ މީޑިއާ ބިލަކީ އަޑު ކަނޑުވާލުމުގެ ބިލެއް ނޫން ކަމަށާއި އޭގެ މަގުސަދަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށެވެ.
ސިނާން އެހެން ވިދާޅުވި އިރު އެގައުމުތަކުގައި ރެގިއުލޭޓް ކުރާ މިންގަނޑުތަކެއް ވިދާޅެއް ނުވެއެވެ. ސިންގަޕޫރަކީ ސެލްފް ރެގިއުލޭޓް ކުރެވޭ ނިޒާމެއް އޮތް ގައުމެއް ނޫނެވެ. ޖަރުމަނާއި އިނގިރޭސިވިލާތުގައި ޕްރިންޓާއި އޮންލައިން އަށް ސެލްފް ރެގިއުލޭޓް ކުރެވޭ ނިޒާމެއް އޮތަސް ބްރޯޑްކާސްޓް މީޑިއާއަށް ސިޔާސަތު ކަނޑައަޅާ ހިންގަނީ ސަރުކާރުގެ ފަރާތުންނެވެ.
އެއާއެކު ސިނާން ވަނީ ރައްޔިތުންނަށްޓަކާ އަދި ޑިމޮކްރަސީގެ އިތުރުން އެންމެންގެ މުސްތަގުބަލަށްޓަކައި، މީޑިއާ ބިލު ފާސްކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
ފާހަގަކުރެވޭ ގޮތުގައި މި ނިމުނު އަހަރުގެ މާލީ ބަޔާން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުށަހަޅަން ޖެހޭ މުއްދަތު ފާއިތުވެގެން ދިޔަ އިރު ފަސް މެންބަރަކު މާލީ ބަޔާން ހުށަނަޅާ ކަމަށް މީޑިއާ ތަކުގައި ރިޕޯޓުކުރުމާއެކު އެކަމާ ހިންހަމަނުޖެހި ވަޑައިގެން މީޑިއާ ކޮމިޝަން ބިލު އަވަހަށް ފާސްކުރަން ޖެހޭ ކަމަށް އެ ފަސް މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާއިލް ނިޒާރުވެސް ވަނީ ވިދާޅުވެފައެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ނިޒާރު ވިދާޅުވީ މަޖިލީހުގެ ހުރިހާ މެންބަރުންގެ މާލީ ބަޔާން، އެ އޮންނަ އުސޫލުގެ ތެރެއިން އާއްމުކުރަމުންދާ ކަމަށާއި ގަވާއިދާއި އެއްގޮތަށް އަމަލުނުކުރާ މެންބަރުންނާމެދު މަޖިލީހުން ފިޔަވަޅު އަޅާނެ ކަމަށެވެ. ނަމަވެސް މަޖިލީހުން މިފަދަ ފިޔަވަޅެއް ނާޅަނީސް މީޑިއާތަކުގައި ލިސްޓު ހަދާ އާންމުކޮށް ޝާއިއުކުރުން ނިޒާރު ވަނީ ކުށްވެރި ކުރައްވާފައެވެ.
އެއާއެކު ނިޒާރު ވަނީ ކޮމިޓީ މަރުހަލާގައިވާ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ބިލު ދައުރުން ބޭރުން ޖަލްސާއެއް ބާއްވައިގެން ވިއަސް އަވަސްކުރަން ގޮވާލައްވާފައެވެ.