ޕޮލިސް ބޯޑުން ވަކިކުރި އޭރުގެ އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދާއި، އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދުގެ ވަޒީފާ އަލުން އިއާދަކޮށްދީފިއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ވަޒީފާ އިއާދަކޮށްދީފައިވަނީ ހައިކޯޓުގެ ހުކުމާއެކު ކަމަށާއި، އެ ދެ އޮފިސަރުންގެ ވަޒީފާވެސް އިޔާދަކޮށްދީފައިވަނީ އެސިސްޓެންޓް ކޮމިޝަނަރުގެ ރޭންކުގައި ކަމަށެވެ.
މި ފުލުސް އޮފިސަރުންތައް މަގާމުން ވަކިކުރަން އޭރު ނިންމީ ރައްޔިތުންގެ މަޖިލީހުން 2020 ވަނަ އަަހަރު ފާސް ކުރި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުންނެވެ. 7 އޮފިސަރަކު މަގާމުން ވަކިކުރުމަށް ޕޮލިސް ބޯޑުން އޭރު ނިންމިއެވެ. އެ އޮފިސަރުންނަކީ:
- އެސިސްޓެންޓް ޕޮލިސް ކޮމިޝަނަރު މުހައްމަދު ޖަމްޝީދު
- އެސިސްޓެންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު
- ސުޕްރިންޓެންޑެންޓް މުހައްމަދު ދާއޫދު
- އެސިސްޓެންޓް ކޮމިޝަނަރު ފަރުހާދު ފިކުރީ
- ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ޝުހާދު
- ސުޕްރިންޓެންޑެންޓް އިސްމާއީލް ޝަމީމް
- ޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ޝަރީފް
ވަޒީފާއިން ވަކިކުރުން ހުއްޓުވުމަށްޓަކައި އޮފިސަރުންގެ ފަރާތުން ސިވިލް ކޯޓަށްވެސް މައްސަލަ ހުށަހެޅި ނަމަވެސް އަހުމަދު ޖަމްޝީދާއި، އަހުމަދު މުހައްމަދު ވަނީ 2021 ވަނަ އަހަރު ތެރޭ ވަޒީފާއިން ވަކިކޮށްފައެވެ.
ދެން ތިބި އޮފިސަރުން މަގާމުން ވަކި ނުކުރީ ކޯޓަށް މައްސަލަ ހުށަހެޅި 5 އޮފިސަރުން ވެސް މަގާމުން ވަކިކުރަން ޕޮލިސް ބޯޑުން ދީފައިވާ ލަފާ ސިވިލް ކޯޓުން 21 ޑިސެމްބަރު 2022 ގައި ބާތިލުކުރުމާއި ގުޅިގެންނެވެ.
ސިވިލް ކޯޓުގެ މި ނިންމުން ހައިކޯޓުގައި ދައުލަތުން އިސްތިއުނާފްކޮށްފައިވާއިރު، އެ މައްސަލަ ބާތިލު ކުރީ ހައިކޯޓުގައި އެ މައްސަލަ އޮންނަތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ފަހުން، މިއަހަރުގެ ޖުލައި މަހުގެ 23 ވަނަ ދުވަހު ޝަރީއަތުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފާކަމަށް ބުނެއެވެ.