ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ދިމާވެދާނެ އެމަޖެންސީ ހާލަތަކަށް ތައްޔާރުވެ ތިބުމަށް ބާއްވަން ނިންމާފައިވާ އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އަށް ތައްޔާރުވުމަށް މެޑިކަލް މެނޭޖްމަންޓް ތަމްރީނެއް ކުރިއަށް ގެންގޮސްފިއެވެ.

މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން އިސްނަގައިގެން އެމްއޭސީއެލްއާ ގުޅިގެންނެވެ.

މި ތަމްރީން ޕްރޮގްރާމުގައި އައިޖީއެމްއެޗް, ހުޅުމާލެ ހޮސްޕިޓަލް, ޓްރީ ޓޮޕް ހޮސްޕިޓަލް, އޭޑީކޭ, މޯލްޑިވްސް މެޑިކަލް ސާވިސަސް (މެމްސް) އަދި އެއާޕޯޓް އެމަޖެންސީ ސާވިސަސް އިން 73 ފަރާތަކުން ބައިވެރިވެފައިވެއެވެ.

އަންނަ ހޯމަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އެފެކްސްގެ ބޭނުމަކީ އެއާޕޯޓުގައި ދިމާވެދާނެ އެމަޖެންސީ ހާލަތެއްގައި ވީއައިއޭގެ އެމަޖެންސީ ޕްލޭން އަދި މުއައްސަސާތަކުގެ އެސްއޯޕީތަކާއި އެ ހަރަކާތުގައި ބައިވެރިވާ އެއާލައިންގެ ކުއްލި ހާލަތުގެ ޕްލޭން ޓެސްޓުކުރުން ކަމަށް އެމްއޭސީއެލް އިން ބުނެއެވެ.

އެފެކްސްއަށް ތައްޔާރުވުމަށް ބޭއްވި މެޑިކަލް މެނޭޖްމަންޓް ތަމްރީން

އެފެކްސް އަކީ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ) އާއި އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް ވީއައިއޭގައި ދިމާވެދާނެ ކުއްލި ހާލަތަކަށް ތައްޔާރުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް ތަންފީޒު ކުރާކަން ކަށަވަރު ކުރުމަށް ލާޒިމުކުރާ ހަރަކާތެކެވެ.

ވީއައިއޭގައި އެއާޕޯޓް ފުލް-ސްކޭލް އެމަޖެންސީ އެކްސަސައިޒް (އެފެކްސް) އެންމެ ފަހުން ބޭއްވީ 2022 ވަނަ އަހަރު އެވެ. މި އަހަރުގެ އެފެކްސްގައި 33 އިދާރާއަކާއި ވޮލަންޓިއަރުންގެ ގޮތުގައި 391 ފަރާތަކުން ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.