ދެވަނަ ބޮޑު ހަނގުރާމައިގައި ޗައިނާ ރައްޔިތުންނަށް ކާމިޔާބު ލިބުނުތާ 80 އަހަރު ފުރުނު ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންފިއެވެ.

ޗައިނާގެ ބެއިޖިންގެ ޓިއަނަންމެން ސްކޮއާގައި މިއަދު ހެނދުނު ބޭއްވި އެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންނެވީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށެވެ.

ޗައިނާގެ ރައީސް ޝަރަފުވެރިކޮށްދެއްވި އެ ރަސްމިއްޔާތުގައި އެމަނިފާނުގެ އަރިހުގައި އެ ގައުމުގެ އެންމެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޗައިނާގައި މިހާރު ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވަޑައިގަންނަވާ ދުނިޔޭގެ އެހެން ގައުމުތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވިކްޓްރީ ޑޭ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ނިންމާލާފައި ވަނީ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުންގެ ޝަރަފުގައި ޗައިނާގެ ރައީސް ދެއްވި ފުރަމާނަ ޖާފަތަކަށްފަހުގައެވެ.

ރައީސް ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް، އެސްސީއޯ ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.