ޓެކްސީއެއްގެ ތެރެއަށް ދޫކޮށްލެވުނު ދަބަހަކާއި ގިނަ އަދަދެއްގެ ޑޮލަރު ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނީ، އިއްޔެ ހެނދުނުގެ ވަގުތެއްގައި މީހަކު ދަތުރުކުރި ކާރަށް ދަބަސް ދޫކޮށްލެވި، ގެއްލިފައިވާކަމަށް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

އަދި އެމީހާ ދަތުރުކުރި ކާރު ހޯދުމަށްޓަކައި ސީސީޓީވީ ފުޓޭޖްތައް ބަލައިގެން ފުލުހުން ކުރަމުންދިޔަ މަސައްކަތުން ވަނީ އެމީހާ ދަތުރުކުރި ޓެކްސީ ހޯދާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ.

އަދި ކާރު ތެރެއަށް ދޫކޮށްލެވުނު ދަބަހާއި ދަބަސް ތެރޭގައި އޮތް 400 އަށްވުރެ ގިނަ ޑޮލަރު ހޯދައި އޭގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

އަދި އެތަކެތި ހޯދާފައިވަނި ރިޕޯޓްކުރިތާ 5 ގަޑިއިރުގެ ތެރޭގައި ކަމަށް ފުލުހުން ބުނެއެވެ. މީގެ ކުރިން ވެސް މިފަދައިން ގެއްލޭ ތަކެއްޗާއި ފައިސާ ފުލުހުންގެ މަސައްކަތުން ހޯދާފައި ވެއެވެ.