ހުޅުމާލެ ފޭސް އެކެއްގެ ވޯޓާ ޕާކް ހަދަން ދޫކޮށްފައިވާ ސަރަހައްދުން މަރުވެފައި އޮއްވާ ފެނުނީ ނޭޕާލް މީހެއް ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މަރުވެފައި އޮއްވާ ނޭޕާލަށް ނިސްބަތްވާ އުމުރުން 29 އަހަރުގެ ރުޕަން ތަޕާ މަގަރް ކަމަށެވެ.

ފޮރެންސިކް ތަހުލީލުތަކަކަށްފަހު އޭނާގެ އައިޑެންޓިޓީ ކަށަވަރު ކުރެވިފައިވާއިރު އޭނާއަކީ މި މަހުގެ 21 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދިޔަ މީހެއް ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން ރުޕަން ތަޕާ މަގަރު މަރުވުމުގައި ތުހުމަތު ކުރެވޭ އެއްވެސް ކަމެއް ފާހަގަކުރެވިފައި ނުވާ ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންގެންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިދިޔަ ހޯމަ ދުވަހުގެ ރޭ ރުޕަން ތަޕާ މަގަރްގެ ހަށިގަނޑު ފެނުނުއިރު އޮތީ ވަރަށް ބޮޑަށް "ޑީކޮމްޕޯސް"ވެފައި ކަމަށް ފުލުހުން ވަނީ މީގެކުރިން ބުނެފައެވެ.