މިމަހުގެ ރާއްޖޭގެ ޓޫރިޒަމްގެ އެމްބެސެޑަރެއްގެ ގޮތުގައި ހަމަޖެއްސި ނެޓްފްލިކްސްގެ އެންމެ މަޝްހޫރު ޝޯ "ވަން ޕީސް"ގެ ތަރި ޓެޒް ސްކައިލާ، ރާއްޖެ އަތުވެއްޖެއެވެ.
ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީއެމްސީ)ން ބުނީ ސްކައިލާގެ މި ދަތުރުގައި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޒިޔާރަތް ކުރުމަށް ހަމަޖެހިފައިވާކަމަށާއި، ރާއްޖޭގެ މުއްސަނދި ސަގާފަތާއި، އާދަކާދަތައް އަދި ގުދުރަތީ ރީތި ކަމާއި ކަނޑުއަޑީގެ ހިތްގައިމުކަން ދައްކާލުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.
ވީއެމްސީން ބުނީ ސްކައިލާ މެދުވެރިކޮށް މި ހަރަކާތްތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓުވެގެންދާނެ ކަމަށާއި، ބައިނަލްއަގުވާމީ އޯޑިއަންސްތަކާ ހަމައަށް ޓޫރިޒަމްގެ ވާހަކަތައް ގެންގޮސްދިނުމަށް މަގު ފަހިވެގެންދާނެ ކަމަށެވެ.
ސެޕްޓެމްބަރު 15 ގެ ނިޔަލަށް ސްކައިލާ ރާއްޖޭގައި ހުންނާނެ ކަމަށް މީގެކުރިން ވީއެމްސީން ބުނެފައިވެއެވެ.
ސްކައިލާ އަކީ އިންސްޓަގްރާމްގައި 1.8 މިލިއަން ފޮލޯވަރުން ތިބި މީހުންގެ މެދުގައި މަގުބޫލު ތަރިއަކަށްވާއިރު، އެވްރެޖްކޮށް 45،000 ލައިކް އަދި 300 އަށްވުރެ ގިނަ ކޮމެންޓް އޭނާގެ ޕޯސްޓު ތަކަށް ލިބެއެވެ.
ފާހަގަކުރެވޭ ގޮތުގައި "ވަން ޕީސް" ވަނީ ދުނިޔޭގެ ފެންވަރުގެ ކާމިޔާބެއް ހާސިލުކޮށްފައެވެ. ނެޓްފްލިކްސް އަށް ވަން ޕީސް ދޫކުރުމާއެކު 84 ގައުމެއްގައި އެންމެ ގިނައިން މީހުން ބެލި ޝޯއަކަށް ވަން ޕީސް ވަނީ ވެފައެވެ. މިއީ ނެޓްފްލިކްސްގެ މަޝްހޫރު ޝޯތައް ކަމަށްވާ "ވެޑްނިސްޑޭ" އަދި "ސްޓްރޭންޖާ ތިންގްސް" ބީޓު ކޮށްލި ޝޯއެއް ކަމަށް ގިނަބަޔަކު ވަނީ ބުނެފައެވެ.