ގޭންގުތަކުން ހިންގާ ކުށްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އަމަލު ކުރުން ފެށުމާއެކު ގާނޫނަށް އަމަލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ގޭންގު ކުށްތަކާ ބެހޭ ބިލު މަޖިލީހުން ފާސްކުރުމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެ ބިލު ތަސްދީގު ކުރެއްވީ މިދިޔަ މެއި މަހުގެ 25 ވަނަ ދުވަހުއެވެ. އަދި އެ ގާނޫނަށް އަމަލު ކުރަން ފަށާފައި ވަނީ އިއްޔެ އެވެ.
އެ ގާނޫނަށް އަމަލު ކުރަން ފެށުމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ގާނޫނަށް އިއްޔެ އަމަލުކުރަން ފެށުމާ އެކު، އެ ގާނޫނު ތަންފީޒުކުރުމަށް ފުލުހުންގެ ފަރާތުން ވަރަށް ހާއްސަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން ހައި ކޯޓު މެދުވެރިކޮށް، އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕްތައް ކަނޑައެޅުމާއި، އެފަދަ ގްރޫޕްތަކަށް ނިސްބަތްވާ ފަރާތްތަކުގެ މައްޗަށް، މޮނިޓަކޮށް ކޮންޓްރޯލްކުރުމުގެ އަމުރު ނެރުމާއި އަދި އެފަދަ ގްރޫޕްތަކުން ކުރާ އަނިޔާވެރި އަމަލުތަކުން ކުޑަކުދިން ރައްކާތެރި ކުރުމަށް އެކުދިންގެ މައްޗަށް ރައްކާތެރިކުރުމުގެ އަމުރު ނެރުމަށް، ޕީޖީ އޮފީހަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އަދި ހަމަ އެހެންމެ އިންތިޒާމުވެގެން ކުށްކުރާ ގްރޫޕްތަކަށް ނިސްބަތްވާ ފަރާތްތަކުގެ ނުހައްގު މުއްސަނދިކަމުގެ މައްސަލަތައް ތަހުގީގުކޮށް އެފަރާތްތަކުން ނުހައްގުން ހޯދާފައިވާ މުދާ ދައުލަތަށް ނެގުމުގެ މަސައްކަތާއި އަދި އިންތިޒާމުވެފައިވާ ކުށްކުރާ ގްރޫޕްތަކަށް ކުޑަކުދިންނާއި ޒުވާނުން ރެކްރޫޓްކުރާ މައްސަލަތަކަށް ހާއްސަ ސަމާލުކަމެއް ދީގެން ތަހުގީގުކުރަމުންދާނެ ކަމަށް ވެސް ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން ކުށްކުރާ ގްރޫޕްތައް އެއްވާ ސަރަހައްދުތަކުގައި ފުލުހުންގެ ވިޒިބިލިޓީ އިތުރުކޮށް، އެ ސަރަހައްދުތަކުގައި ތިބޭ މީހުން ބަލައި ފާސްކުރުމުގެ މަސައްކަތް ކުރާނެ އެވެ. އަދި ކުށްކުރުމަށް އަމިއްލަ ތަންތަން ބޭނުންކުރަމުން ދާތީ އެފަދަ ތަންތަނަށް ރެއިޑްކޮށް، ބަލައި ފާސްކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މިފަދަ ހަރުކަށި ގާނޫނެއް އެކުލަވާލުމުގެ ބޭނުމަކީ ގޭންގުތަކުން ހިންގާ ކުށްތަކާއި އެ ނޫން ވެސް އާންމު ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހިންގާ ނުރައްކާތެރި އަދި ބޮޑެތި ކުށްތަކުން ރައްޔިތުންނާއި މުޖުތަމައު ރައްކާތެރިކުރުމެވެ. އަދި ކަމާގުޅޭ ތަފްސީލީ ގާނޫނީ އޮނިގަނޑެއް އެކުލަވާލައި، ހަރުދަނާ ގޮތެއްގައި އަދަބު ތަންފީޒުކުރުން ކަމަށް ވެއެވެ.