މަޝްހޫރު ވިޔަފާރިވެރިޔާ މުހައްމަދު މޫސަ (އުއްޗު)ގެ އުފަން ދުވަސް ފާހަގަކުރުމަށް ވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެއްވައިފިއެވެ.

އަލީ ވަހީދު މިފަދައިން ވިދާޅުވީ އޮންލައިން ނޫހެއްގައި ރޭ އުއްޗުގެ އުފަންދުވަސް ފާހަގަކުރުމަށް އަލީ ވަހީދު ވަޑައިގެންނެވި ކަމަށް ބުނެ ހަބަރު ފެތުރުމުން އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. އަލީ ވަހީދު ވިދާޅުވީ އޭނާ އޮފީހުން ގެއަށް އިއްޔެ ވަޑައިގަތީ އިރުއޮއްސި ހައެއް ޖެހި އިރު ކަމަށެވެ. އަދި ވިދާޅުވީ ނޫސްތައް ބައްލަވައިލެއްވުމަށް ފަހު ނިދިކުރެއްވީ ކަމަށެވެ. އަދި އުއްޗުގެ އުފަން ދުވަހުގެ ދައުވަތުވަނީ ލިބިވަޑައިގެންފައި ކަމަށާއި، އެހެންކަމުން މިއަދު އޮފީހަށް ފަހު، އުއްޗުގެ އުފަންދުވަސް ފާހަގަކުރުމަށް ވަޑައިގަންނަވާނެ ކަމަށެވެ.

އޮންލައިން ނޫހުގައި ބުނެފައި ވަނީ އުއްޗުގެ އުފަންދުވަސް ފާހަގަކުރުމުގައި މިނިސްޓަރު އަލީ ވަހީދު ރޭ ބައިވެރިވެ ވަޑައިގަންނަވާފައިވާ ކަމަށެވެ. އަދި އުއްޗުގެ އުފަން ދުވަސް ފާހަގަކޮށްފައި ވަނީ ނ. ހެނބަދޫގައި ކަމަށެވެ. އަދި ރޭ 8:00 ހާއިރުން ފަށައިގެން އެރަށުގައި ތިއްބެވުމަށްފަހު ދެބޭފުޅުން ހުރަވަޅި އައިލޭންޑް ރިސޯޓަށް ވަޑައިގެންފައިވާ ކަމަށްވެސް އެ ނޫހުގައި ރިޕޯޓު ކޮށްފައިވެއެވެ. މިދިޔަ ހަފްތާގެ ތެރޭގައި އަލީ ވަހީދު، އުއްޗުގެ ރިސޯޓެއްގައި ޗުއްޓީވެސް ހޭދަކުރައްވާފައިވާ ކަމަށް އެ ނޫހުގައި ރިޕޯޓު ކޮށްފައިވެއެވެ.

އުއްޗުގެ ބާތުޑޭ ފާހަގަ ކުރުމަށް ބޭއްވި ހަފްލާއެއްގައި ރައީސް ޔާމީނުގެ ބޮޑުން ބައިވެރިވެވަޑއިގަންނަވަނީ

މީގެކުރިންވެސް އުއްޗުގެ އުފަންދުވަސް ފާހަގަކުރުމަށް ސަރުކާރުގެ ވަޒީރުންނާއި ބައެއް ވިޔަފާރިވެރިން ވަނީ އުފަންދުވަހުގެ ހަފްލާއަށް ވަޑައިގެންފައެވެ. ކުރީގެ ނާއިބު ރައީސް އަހުމަދު އަދީބަކީވެސް އުއްޗުއާ ގާތް ގުޅުމެއް ބާއްވަވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާވެސް ވަނީ އުއްޗުގެ އުފަންދުވަސް ތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި އުއްޗުގެ ފަރާތްޕުޅުން އަދީބުގެ އުފަންދުވަސް ފާހަގަކުރުމުގެ ހަފްލާތައްވެސް ބާއްވަވާފައި ވެއެވެ.