ޓެކްސް އަކީ ރައްޔިތުންގެ ޑިމާންޑުތައް ނުވަތަ ބޭނުންތައް ފުއްދުމަށް ރައްޔިތުން އެދިގެން ސަރުކާރުން ނަގައިދޭ އެއްޗެއް ކަމަށް ޗަންޕާ މުހައްމަދު މޫސާ (އުއްޗު) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ ފަށާއިރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ، ޓެކްހަކީ ނަގަން ޖެހޭ އެއްޗެއް ކަމަށާ، ނަމަވެސް ސަރުކާރުން ޓެކްސް ނަގަނީ ރައްޔިތުން ސަރުކާރުގައި އެދިގެން ކަމަށެވެ.

މިސާލު ޖައްސަވަމުން އޭނާ ވިދާޅުވީ، ރައްޔިތުން އެމީހުންގެ ބޭނުންތައް ފުއްދުމަށް ސަރުކާރުގައި އެދެމުންދާ އިރު، އެ އެދުންތައް ފުއްދައިދިނުމަށް ސަރުކާރުތަކުން މަސައްކަތް ކުރަން، ޓެކްސް ނަގަން ޖެހޭ ކަމަށެވެ. ރައްޔިތުންގެ ޑިމާންޑްތަކާ އެއްވަރަށް ކަންތައްތައް ކޮށްދޭނެ ފައިސާ ދައުލަތުގެ ބަޖެޓުގައި ނެތް ނަމަވެސް، ރައްޔިތުން އެދުނު ކަންކަން ވާން ރައްޔިތުން ބޭނުން ވުމުގެ ނަތީޖާއަކީ ޓެކްސް ނެގުން ކަމަށެވެ.

"އެހެންކަމުން ރައްޔިތުން ބުނަނީ ސަރުކާރުގައި ޓެކްސް ނަގާށޭ، ނަގައިގެންވެސް ތިމަންނާމެން އެދޭ ކަންތައްތައް ކޮށްދޭށޭ"
އުއްޗު

އޭނާ އިތުރަށް ވިދާޅުވީ ޓެކްސް ނަގަނީ، އެނގިގެން ނުވަތަ ނޭނގިނަމަވެސް ރައްޔިތުން، ސަރުކާރުތަކުގައި ޓެކްސް ނަގަން ބުނާތީ ކަމަށް އޭނާ ތަކުރާރު ކުރެއްވިއެވެ. އެހެންވީމާ، ޓެކްސް ނަގަން ޖެހޭ ކަމަށާ އެކަމަށް ތާއީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ އިތުރަށް މިސާލު ޖައްސަވަމުން ވިދާޅުވީ، މިފްކޯއިން މަސްވެރިންގެ އަތުން މަސްގަންނަ އަގު ބަދަލު ނުކޮށް ގަންނަމުން އެދަނީ މަސްވެރިންގެ ޑިމާންޑް އެގޮތަށް ހުރީމައި ކަމަށެވެ. ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ވެއްޓި، މިފްކޯއިން ބޭރު ކުރާ މަހަށް ހަމަ އަގު ނުލިބުނަސް، އެކުންފުނިން ރައްޔިތުންގެ އަތުން މަސްގަތުމުގެ އަގު ކުޑަ ނުކޮށް އެކަން ކުރަނީ އެ ޑިމާންޑަށް ވާސިލު ވުމަށް ކަމަށެވެ. އަދި ސަރުކާރުން އެކަން ކުރާ އިރު ކުރާނީ، ސަބްސިޑައިޒް ކޮށްގެން ނުވަތަ ޓެކްސް ފައިސާއިން ކަމަށް ވަންޏާ، އެކަން ހަމަ ޖެއްސުމަށް ޓެކްސް ނަގަންޖެހޭ ކަމަށެވެ.

އޭގެ އިތުރުން އޭނާ ވިދާޅުވީ، އެސްޓީއޯއިން ވިއްކާ ތެޔޮ އެހެން ނުވާކަމަށާ، ސަބަބަކީ، ތެޔޮ ވިއްކަނީ، ދުނިޔޭގެ ބާޒާރުގައި ބޮޑުވާއިރު ބޮޑުކޮށް އަދި ކުޑަވާއިރު ކުޑަކޮށް ކަމަށް ވާތީ ކަމަށެވެ.

އުއްޗު އަކީ ރާއްޖޭގައި ގިނަ ރިސޯޓުތަކާއި ވިޔަފާރިތައް ހިންގާ ތަޖުރިބާކާރު ވިޔަފަރިވެރިއެވެ.