ބ. ކަމަދުއަށް ސީޕްލޭންގެ ހިދުމަތް ފެށުމަށް، އައިލެންޑް އޭވިއޭޝަނުން، ހޯކްސް ހޮޓެލްސްއާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.

ރައީސް މިހާރު ބ އަޮތަޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންފައިވާއިރު، މޯލްޑިވިއަންގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސްއެވެ. ހޯކްސް ހޮޓެލްގެ ފަރާތުން ސޮއި ކުރެއްވީ ހޯކްސް ކުންފުނީގެ ޖެނެރަލް މެނޭޖަރު ހުސައިން އަމާންއެވެ.

މީގެ އިތުރުން މިއަދި ބޭއްވި މިރަސްމިއްޔާތުގައި ވަނީ، ކަމަދޫ ސްކޫލުގައި ގާއިމްކުރާ އާ އިމާރާތުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަދި ކަމަދޫގައި ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް 24 ގަޑިއިރު ލިބޭ އޭޓީއެމްގެ ހިދުމަތް ވެސް މިއަދުވަނީ ފަށާފައެވެ. ރައީސްގެ ދަތުރުފުޅުގައި ކަމަދޫއަށް ވަޑައިގެން ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވުމުގައި ކުރިއަށް ވަޑައިގަންނަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި ބާކީކުރެވި، ޗާޓުން އެއްކިބާކުރެވިފައި އޮތް އޮތުމަށް ނިމުން ގެންނަވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވައިގެން ދާނެކަމުގެ ޔަގީންކަން ދެއްވިއެވެ.

ބ.ކަމަދޫގެ އާބާދީގައި 500 އެއްހާ މީހުން ތިބިއިރު، މި ރަށަކީ، ރަށު ފަތުރުވެރިކަން ފުޅާ ދާއިރާއެއްގައި ކުރަމުން އަންނަ ރަށެކެވެ. ލޯކަލް ޓޫރިޒަމްގެ މަންޒިލެއްގެ ގޮތުގައި ތަރައްގީވަމުން އަންނަ ކަމަދޫގައި މިހާރުވެސް 10 އަށް ވުރެ ގިނަ ގެސްޓްހައުސް ހިންގަމުން އަންނައިރު ހޯކްސް ކުންފުނިން ވެސް އެ ރަށުގައި މަތީ ފަންތީގެ ދެ ގެސްޓުހައުސް އަންނަނީ ހިންގަމުންނެވެ.