ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކަފިހިހުރަހުން ހުރަސްކުރި މީހެއްގެ ގައިގައި ސައިކަލަކުން ޖެހި އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިތިގަސް މަގުން އުތުރުން ދެކުނަށް ދުއްވާފައި ދިޔަ ސައިކަލެއް ކޮންޓްރޯލް ނުވެ ކަހާލައިގެން ގޮސް، ކަފިހިހުރަހުން މަގު ހުރަސްކުރި މީހެއްގެ ގައިގައި ޖެހުނު ކަމުގެ ރިޕޯޓު ރޭގެ 9:26 ހާއިރު ލިބިފައިވާ ކަަމަށެވެ.

މި ހާދިސާގައި އަނިޔާވީ ދިވެހި ފިރިހެނަކަށް ކަމަށާއި، އައިޖީއެމްއެޗުގައި އެ މީހާއަށް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މި އެކްސިޑެންޓްގައި މަގު ހުރަސްކުރި މީހާއަށް އެކި ވަރުގެ އަނިޔާ ލިބިފައި ވެއެވެ.

މި އެކްސިޑެންޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. މާލެ ސަރަހައްދުގައި މަގުމަތީގެ އެކްސިޑެންޓްތައް އިތުރުވަމުންދާތީ، ދުއްވާ ފަރާތްތަކުންނާއި ހިނގާ މީހުން ސަމާލުވުމަށް ފުލުހުން އަބަދުވެސް އިލްތިމާސް ކުރެއެވެ.