މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން މިދިޔަ މަހުގެ ތެރޭގައި 20 ފޫޓުގެ ޖުމްލަ 6،320 ކޮންޓޭނަރު (ޓީއީޔޫ) މުދާ ކްލިއާ ކޮށްފިއެވެ.

އެމްޕީއެލް އިން ބުނި ގޮތުގައި، މިދިޔަ މަހުގެ ތެރޭގައި ކްލިއާ ކުރި މުދަލުގެ ތެރޭގައި 20 ފޫޓުގެ 2،380 ކޮންޓެއިނަރާއި، 40 ފޫޓުގެ 1،970 ކޮންޓެއިނަރު ހިމެނެއެވެ. މި މުއްދަތުގައި އެމްޕީއެލްގެ ބަނދަރުގެ ހިދުމަތް ހޯދި އުޅަނދު ފަހަރުގެ ތެރޭގައި 20 ކޮންވެންޝަނަލް އުޅަނދާއި 16 ކޮންޓެއިނަރު ބޯޓު ހިމެނެއެވެ.

އަވަހަށް ހަލާކުވާ ޒާތުގެ މުދާ ނުވަތަ ޕެރިޝަބަލް މުދަލުގެ ތެރެއިން އެންމެ ގިނައިން ޖުލައި މަހު ކްލިއާކޮށްފައި ވަނީ ބިހެވެ. އެގޮތުން 66،000 ޕެކޭޖުގެ ބިސް ކްލިއާ ކޮށްފައި ވާއިރު، 49،000 ޕެކޭޖުގެ ފިޔާ، 30،000 ޕެކޭޖުގެ ކަރާ، 22،000 ޕެކޭޖުގެ އަލުވި، 17،000 ޕެކޭޖުގެ ޓޮމާޓޯ ވަނީ ކްލިއާ ކޮށްފައެވެ.

މީގެ އިތުރުން 12،000 ޕެކޭޖުގެ އަލަނާސި، 11،000 ޕެކޭޖުގެ ކެބެޖް، 10،000 ޕެކޭޖުގެ ދޮންކެޔޮ، 4،000 ޕެކޭޖުގެ ބަރަބޯ އަދި 3،000 ޕެކޭޖުގެ ފޮނި ކެކުރި ޖެނެރަލް ކާގޯގެ ގޮތުގައި ކްލިއާ ކޮށްފައި ވެއެވެ.