ރާއްޖޭގެ ފަހުރުވެރި 60 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެމްއެންޑީއެފުން ބާއްވާ މަގުމަތީ ހިނގާލުން މާލެ އާއި ހުޅުމާލޭގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ، މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން، މާލޭގައި ބާއްވަން ހަމަޖެހިފައިވާ މަގުމަތީ ހިނގާލުން ފަށާނީ ޖުލައި 26 ވަނަ ދުވަހުގެ ހަވީރު 16:15 ގައި ޖުމްހޫރީ މައިދާނުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މާޗް ޕާސްޓާއި ކުޅިވަރުގެ ހަރަކާތްތަކާ އެކުގައި ކަމަށެވެ.
އަދި، ހުޅުމާލޭގައި މަގުމަތީ ހިނގާލުން ފަށާނީ ޖުލައި 27 ވަނަ ދުވަހުގެ ހަވީރު 16:15 ގައެވެ. މި ހިނގާލުމުގައި، މިލިޓަރީ ބޭންޑާ އެކު، ފަސް ގެމައެއް ހިމެނޭނެ ކަމަށާއި މަގުމަތީ ހިނގާލުމުގެ މެހިތަރަކަށް ހުންނަވާނީ އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލް، ކާނަލް ހުސައިން އަލީ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.
މާލޭގައި ބާއްވާ މަގުމަތީ ހިނގާލުން ވެލާނާގެ ކަންމަތިން ފަށައިގެން ލަޝްކަރު ފަސް ސަރަހައްދެއްގައި ހުއްޓުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ސަރަހައްދު ތަކަކީ:
- ދިވެހިބަހުގެ އެކެޑަމީ ކުރިމަތި
- މަޖީދީމަގު ޖަންކްޝަން
- ޗާންދަނީމަގު ޖަންކްޝަން
- މިލިއަން ބުކްޝޮޕް ކައިރި
- ކަޅުތުއްކަލާކޮށީ ހުޅަނގުއުތުރު ކަންމަތީ
ހުޅުމާލޭގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ މަގުމަތީ ހިނގާލުން ފަށާނީ، ހިތިގަސްމަގުގައި ހުންނަ ސިންތެޓިކް ދުވާ ޓްރެކް ކައިރީންނެވެ. އަދި ދެ ސަރަހައްދަކަށް ހުއްޓި މިލިޓަރީ ބޭންޑުން ރާގު ކުޅޭ ގޮތަށް ހަމަޖެހިފައިވާ އިރު، އެ ސަރަހައްދުތަކަކީ ސެންޓްރަލް ޕާކް އިރުމަތި އެންޓްރާންސްއާއި ސިފްކޯ/ޕޮލްކޯ ފުލެޓްތަކުގެ ހުޅަނގު ފަރާތެވެ.
މިނިވަން ދުވަހުގެ ހިނގާލުމުގައި މި އަހަރު ސިފައިންނާ އެކު، ސްކޫލުތަކުގެ ކެޑޭޓުން ވެސް ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.