އިނގެރޭސިވިލާތުގެ ރަސްގެފާނު ޗާލްސް އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައްދަލުކުރައްވައިފި އެވެ.

ކިންގް ޗާލްސް އާއި ރައީސް ބައްދަލު ކުރައްވާފައި ވަނީ މަތީ ފެންވަރުގެ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ބައްދަލު ކުރެއްވުން ބާއްވާފައި ވަނީ ޝާހީ ގަނޑުވަރު ވިންޑްސާ ކާސަލްގަ އެވެ.

އަދި މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވި ކަމަށް ރައީސް އޮފީހުން ބުނެއެވެ. ނަމަވެސް އެ މަޝްވަރާތަކުގެ އިތުރު ތަފްސީލެއް ރައީސް އޮފީހުން ހާމަކޮށްފައި ނުވެއެވެ.

މި ބައްދަލުވުން ބާއްވާފައި ވަނީ ދެ ގައުމުގެ ދެމެދުގައި އޮތް ސިޔާސީ ގުޅުމަށް 60 އަހަރު ފުރުމާ ދިމާކޮށެވެ. ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރީ 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.

ރައީސް މިހާރު އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިއްޔެ ވަނީ އިނގިރޭސިވިލާތުގެ ހާރިޖީ ވަޒީރު ޑޭވިޑް ލެމީ އާއި ހައުސް އޮފް ކޮމަންސްގެ ރައީސް ލިންޑްޒޭ ހޮޔިލްއާ ވެސް ބައްދަލު ކުރައްވައި، މަޝްވަރާ ކުރައްވާފައެވެ.