ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 40 އަހަރުގެ މީހާއަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.

ރޭ މާފަންނު ބަސް ޓާމިނަލް ކައިރީ ހިނގި އެ އެކްސިޑެންޓްގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސައިކަލެއް ކަފިހި ހުރަސް މަތިން ހުރަސް ކުރި މީހެއްގެ ގައިގާ ޖެހިފައި ވެއެވެ. އަދި ސައިކަލު ކޮންޓްރޯލް ނުވެ ގޮސް އެ ސަރަހައްދުން ދަތުރު ކުރި ޕިކަޕެއްގައި ވެސް ވަނީ ޖެހިފައެވެ.

އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކަފިހި ހުރަސްމަތިން މަގުހުރަސްކުރަނިކޮށް ސައިކަލުން ޖެހި އަނިޔާވި އުމުރުން 40 އަހަރުގެ މީހާއަށް ފަރުވާދެމުންދަނީ އަޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭރުގައި ކަމަށެވެ. އަދި މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ފަހަތުގައި އިން 16 އަހަރުގެ ކުއްޖާއަށް ފަރުވާދެމުންދަނީ އައިޖީއެމްއެޗް ވޯޑުގައި ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި އެކްސިޑެންޓުގައި ހިމެނޭ ސައިކަލު ދުއްވި އުމުރުން 17 އަހަރުގެ ޔޫސުފް އަލްސަން މުހައްމަދު ވަނީ ނިޔާވެފައެވެ. އޭނާގެ މައްޗަށް ކުރެވޭ ކަށުނަމާދު މިއަދު އަސުރުނަމާދަށްފަހު މާލެ، އާސަހަރާ މިސްކިތުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އަލްސަންއަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އާއި މުހައްމަދު އަބްދުލް ޣަނީ (ތޭރަވާ) ގެ ހަމަ އެކަނި ދަރިފުޅެވެ.