ރަޖިސްޓަރީކޮށްގެން ހިންގާ މަދަނީ ޖަމްއިއްޔާ/ޖަމާއަތްތަކުން ރާއްޖޭގެ މުޖްތަމައު ބާރުވެރިކުރުމުގެ ގޮތުން ހިލޭސާބަހަށް ކުރާ މަސައްކަތްތައް ފާހަގަކޮށް، އެ ޖަމްއިއްޔާތަކުގެ އަގުވަޒަން ކުރުމުގެގޮތުން ދިނުމަށް ކަނޑައަޅާފައިވާ "ސިވިލް ސޮސައިޓީ އެވޯޑް" އަށް ކުރިމަތިލުމަށް ކަނޑައެޅި ތާރީހު މި މަހުގެ 17 އަށް އިތުރުކޮށްފިއެވެ.

ޔޫތު މިިނިސްޓްރީ އިން ބުނީ ޖުލައި 10 އަށް މުއްދަތު ހަމަވާގޮތަށް ކުރިން އިއުލާނުކޮށްފައި ވީނަމަވެސް އެ ތާރީހު ޖުލައި 17 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް އިތުރުކޮށްފައިވާކަމަށެވެ. އެޕްލިކޭޝަން ފޯމު ހުށަހަޅަން ޖެހޭނީ ޔޫތު މިނިސްޓްރީގެ ކައުންޓަރަށް (ސޯޝަލް ސެންޓަރަށް) ނުވަތަ އެ މިނިސްޓްރީގެ އީމެއިލް އަށް ކަމަށްވެސް ޔޫތު މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ސިވިލް ސޮސައިޓީ އެވޯޑަށް ޖުމްލަ 9 ދާއިރާއަކުން ކުރިމަތިލާން ވަނީ ހުލުވާލާފައެވެ. އެއީ:

އެމްޕަވާމަންޓް އޮފް ވޮމެން

- ޗިލްޑްރަން، އެންޑް ޔޫތު

- ސަޕޯޓް ފޯ ޕީޕަލް ވިތު ޑިސޭބިލިޓީސް

- އެޑިއުކޭޝަން އެންޑް ލައިފްލޯންގް ލާނިންގް

- އިކޮނޮމިކް އެމްޕަވާމަންޓް އެންޑް ޕްރޮޑަކްޓިވިޓީ

- ޑްރަގް ޕްރެވެންޝަން އެންޑް ކޮމިއުނިޓީ ސޭފްޓީ

- ޕްރިޒާވޭޝަން އޮފް ކަލްޗާ، ލޭންގްވޭޖް، އެންޑް ހެރިޓޭޖް

- ޕްރޮމޯޝަން އޮފް އާޓްސް، ކްރިއޭޓިވިޓީ، އެންޑް އައިސީޓީ

- އެންވާރަމަންޓަލް ޕްރޮޓެކްޝަން އެންޑް ކްލައިމެޓް އެކްޝަން

- ހެލްތު އެންޑް ވެލްބިއިން ޕްރޮމޯޝަން

ޔޫތު މިނިސްޓްރީން ބުނީ މިއިނާމަކީ އިޖުތިމާއީ ގޮތުން މުޖުތަމައު ބާރުވެރި ކުރުވުމަށް އަމިއްލަ އިސްނެގުމުގެ މަތީން، ތަފާތު ގޮތްގޮތުން އެ ޖަމްއިއްޔާއެއް ނިސްބަތްވާ މުޖްތަމައުގެ ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ކުރިއެރުވުމަށް ހިލޭސާބަހަށް މަސައްކަތް ކުރުމުގައި މަދަނީ ޖަމްއިއްޔާތަކުގެ ތެރެއިން ނަމޫނާ ދައްކުވައިދޭ ފަދަ މަސައްކަތްތައް ކޮށްފައިވާ ޖަމްއިއްޔާ ތަކަށް ދެވޭ އިނާމެއް ކަމަށެވެ.

މި އިނާމުގެ ސަބަބުން ޖަމްއިއްޔާތަކުން ކުރާ މަސައްކަތްތައް ގައުމީ ފެންވަރުގައި ފާހަގަކުރެވިގެންދާނެކަމަށް މިނިސްޓްރީންވަނީ ބުނެފައެވެ. މަދަނީ ޖަމްއިއްޔާތަކުގެ އިނާމް ލިބޭފަރާތްތަކަށް، ޖަމްއިއްޔާތަކަށް ދެވޭ ހާއްސަ އެވޯޑާއި، ސެޓްފިކެޓް ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް އެ މިނިސްޓްރީ އިން ވަނީ ބުނެފައެވެ.