މައިޒާންތަކާއި ކުޅިވަރުކުޅޭ ތަންތަން ހެދުމަށް ގަބުރުސްތާނުތައް ނެގުން ހުއްދަ ނުވާނެ ކަމަށް އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ބުނެފިއެވެ.
މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުމުގެ ހުކުމް ބަޔާންކޮށް ނެރުނު ފަތުވާގައި ފަތުވާ މަޖިލީހުން ވަނީ މާތް ﷲ އިންސާނުން މާތް ކުރައްވާފައިވާކަން ފާހަގަކޮށްފައެވެ. އެއީ ދިރިހުރިހާ ހިނދަކު އަދި މަރުވުމަށްފަހު ވެސްކަން ހަދީޘްތަކުން އެނގޭކަން އެ މަޖިލީހުން ވަނީ ފާހަގަކޮށްފައެވެ.
މިކަމުގެ ހެއްކެއްގެ ގޮތުގައި މައްޔިތެއްގެ ކަށި ބިންދުމަކީ އެމީހާ ދިރިހިުރިއިރު އޭނާގެ ކަށިބިންދުން ފަދަ ކަމެއްގެ ގޮތުގައި ރާސޫލާ ހަދީޘްކުރައްވާފައިވުން ފަތުވާ މަޖިލީހުން ފާހަގަކުރެއެވެ.
ފަތުވާ މަޖިލީހުން ބުނީ ގަބުރުސްތާނު ކޮނެގެން ކަށިތައް ނަގާ އެހެންތަނަކަށް ބަދަލުކުރުމަކީ ވަޅުލެވިފައިވާ މީސްތަކުންގެ ހުރުމަތް ކެނޑޭ ކަމެއް ކަށެވެ. އެކަމުގެ ދަލީލުގެ ގޮތުގައި ފަތުވާ މަޖިލީހުން ރަސޫލާގެ 3 ހަދީޘްއެއް ފަތުވާގައި ހިމަނާފައިވެއެވެ.
އެއީ:
- "ތިޔަބައިމީހުންކުރެ މީހަކު އަނދަމުންދާ އަލިފާންގަނޑެއްގެ މަތީގައި އިށީނދެ، އޭނާގެ ހެދުން އަންދާލައި، އަދި އަލިފާން އޭނާއާ ހަމައަށް ފޯރުމަކީ ގަބުރެއްގެ މަތީގައި އިށީނުމަށްވުރެ އޭނާއަށް މާ ހެޔޮވެގެންވާ ކަމެކެވެ."
- "އަނދަމުންދާ އަލިފާންގަނޑެއްގެ މަތީގައި ހިނގައިވަޑައިގަތުން ނުވަތަ ކަނޑިއެއްގެ މަތީގައި ހިނގައިވަޑައިގަތުން ނުވަތަ ތިމަންކަލޭގެފާނުންގެ ފައިންޕުޅުގެ ނައުލު (ފައިވާން ޖޯޑުކޮޅު) ތިމަންކަލޭގެފާނުންގެ ފައިންޕުޅާއެކު ފަހައިލުން، މުސްލިމެއްގެ ގަބުރެއްގެ މަތީގައި ހިނގުމަށްވުރެ ތިމަންކަލޭގެފާނަށް ލޮބުވެތިވެގެންވެއެވެ."
- "ގަބުރުގައި ލެނގިގެން ނުއިންނާށެވެ. ގަބުރުގައިވާ މީހާއަށް އުނދަގޫ ނުކުރާށެވެ. އަދި އޭނާ ތިބާއަކަށްވެސް އުނދަގުލެއް ނުކުރެއެވެ."
އިސްލާމީ ޝަރީއަތުގައި ގިނަގުނަ ވައީދުގެ ބަސްފުޅުތައް ވާރިދުވެފައިވާ ކަމަކަށްވުމާއެކު، ކުޅިވަރުކުޅޭ ތަންތަނާއި ހިތްފަސޭހަ މައިޒާންފަދަ ތަންތަން ހެދުމަށް މުސްލިމުންގެ ގަބުރުސްތާނުތައް އުވާލުން ނުވަތަ ނެގުން ހުއްދައެއް ނުވާނެ ކަމަށް ފަތުވާ މަޖިލީހުން ވަނީ ނިންމާފައެވެ.
ގަބުރުސްތާނު ނެގުން ހުއްދަ ނުވޭނެ ކަމަށް ފަތުވާ މަޖިލީހުން ބުނެފައި ވާއިރު، މާފަންނު ސަހަރާ ހުރި ބިން ސާފުކުރުމަށްފަހު އެތަނުގައި "މާފަންނު މައިޒާން" ގެ ނަމުގައި މާލެ ސިޓީ ކައުންސިލުން އަންނަނީ މައިޒާނެއް ތަރައްގީ ކުރަމުންނެވެ.