ކުރިއަށް ދުވަސްތަކުގައި މޯލްޑިވްސް ނެޝަނަލް އެއާ ޓްރެފިކް ސާވިސް (އެމްނެޓްސް) އަކީ ފައިދާވާ ކުންފުންޏަކަށް ހައްދަވާނެ ކަމަށް އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ސީއީއޯ އިބްރާހިމް ޝަރީފު މުހައްމަދު ވިދާޅުވެއްޖެއެވެ.

ހުޅުލޭ އައިލެންޑް ހޮޓެލްގައި މިއަދު ބޭއްވި އެއާ ޓްރެފިކް ސާވިސްގެ އަހަރީ އާންމު ޖަލްސާގައި ޝަރީފު ވާހަކަ ދައްކަވަމުން ވިދާޅުވީ، އެމްނެޓްސް އަކީ މުޅި ގައުމަށް އެއާ ޓްރެފިކްގެ ހިދުމަތް ދިނުމަށް އުފައްދާފައިވާ ކުންފުންޏެއް ކަމަށެވެ.

އަދި އެއާ ޓްރެފިކްގެ ހިދުމަތް އެއްވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަކީ އެ ކުންފުނީގެ އަމާޒު ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ހަމަ އެހެންމެ އެމްނެޓްސްގެ އާމްދަނީ އިތުރު ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާ ޝަރީފު އިތުރަށް ވިދާޅުވީ، އަމާޒަކީ މުސްތަގުބަލުގައި އެމްނެޓްސްއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، ފައިދާވާ ކުންފުންޏަކަށް ހެދުން ކަމަށެވެ. އެކަމަށްޓަކައި އެ ކުންފުނީގެ މައި ހިއްސާދާރުގެ ހައިސިއްޔަތުން، އެމްއޭސީއެލްގެ ފަރާތުން ދޭންޖެހޭ ހުރިހާ އެހީތެރިކަމެއް ދެއްވާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

ޗެއާމަން ޝަރީފު ވިދާޅުވީ ކޮންމެ ކުންފުންޏަކަށްވެސް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޓެކްނިކަލް މީހުން މަދުވުން ކަމަށެވެ. އެހެންކަމުން އެކަން ހައްލުކުރުމަށް އެއާ ޓްރެފިކް ކޮންޓްރޯލާސް ތަމްރީނުކޮށް، ސެޓިފައި ކުރުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އެއާ ޓްރެފިކްގެ ހިދުމަތަކީ ވަރަށް ކްރިޓިކަލް މަސައްކަތެއްކަން ފާހަގަކުރައްވާ ޗެއާމަން ޝަރީފު ވަނީ އެމްނެޓްސްގެ ހުރިހާ މުވައްޒަފުންނަކީ ޕްރޮފެޝަނަލް، އެ ބޭފުޅުން ކުރައްވާ މަސައްކަތުގެ މުހިންމުކަން އަމިއްލައަށް ދަނެގެން، އެއްވެސް ކަހަލަ ހުއްޓުމެއް އަދި ބުރޫއެރުމެއް ނެތި ފަރުވާތެރި ކަމާއެކު މަސައްކަތް ކުރައްވާ ބޭފުޅުންނަށް ވުމަށް އެދިވަޑައިގެންފަ އެވެ.

އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ސަރުކާރުން އެމްނެޓްސް އުފެއްދީ 25 ސެޕްޓެމްބަރު 2023ގައެވެ. އޭގެ ކުރިން ރާއްޖޭގެ ވައިގެ ސަރަހައްދު މެނޭޖްކުރަމުން ގެންދިޔައީ އެމްއޭސީއެލްގެ އެއާ ޓްރެފިކް މެނޭޖުމަންޓް ޑިޕާޓްމަންޓުގެ ދަށުންނެވެ. އެމްނެޓްސް އުފެއްދުމުގެ މައިގަނޑު ބޭނުމަކީ ޗިކާގޯ ކޮންވެންޝަންގައިވާ ގޮތަށް ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓޭނެ ގޮތެއްގައި އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތް ފޯރުކޮށްދިނުމަށާއި އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތް ހަރުދަނާ ކުރުމެވެ.