ވަޒީފާ އަދާކުރުމުގައި ދިމާވާ ދަތިތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރި ނަމަވެސް، އެ ދަތިތައް އަދިވެސް ހައްލުުވެފައި ނުވާތީ، އެއާ ޓްރެފިކް ކޮންޓްރޯލް (އޭޓީސީ) ޓަވަރުގެ މުވައްޒަފުން، އެމްއޭސީއެލް އަށް މިއަދު ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

އެއާ ޓްރެފިކްގެ ހިދުމަތްދޭ މުވައްޒަފުންގެ ތެރެއިން މި ޕެޓިޝަން ހުށަހަޅާފައި ވަނީ 50 މުވައްޒަފުންގެ ސޮޔާ އެކުގައެވެ. އެއީ ވެލާނާ އެއާޕޯޓުގައި މަސައްކަތްކުރާ އެއާ ޓްރެފިކް ސާވިސަސްގެ 90 ޕަސެންޓު މުވައްޒަފުންނެވެ. އަދި ރާއްޖޭގެ 80 ޕަސެންޓު މުވައްޒަފުންނެވެ.

ނަން ހާމަ ނުކުރުމަށް އެދި "ދަ ޕްރެސް" އަށް އޭޓީސީ ޓަވަރުގައި މަސައްކަތްކުރާ މުވައްޒަފެއް ބުނީ މި ޕެޓިޝަން އެމްއޭސީއެލް އަށް ހުށަހަޅަން ނިންމީ މުވައްޒަފުންނަށް ދިމާވާ ދަތިތަކަށާއި ކަންބޮޑުވުންތަކަށް ހައްލެއް ނުލިބި، ދިގުލައިގެން ގޮސްފައިވާތީ ކަމަށެވެ. އޭނާ ބުނީ އެމްއޭސީއެލުން މުވައްޒަފުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯދައި ނުދެވިއްޖެ ނަމަ، ސަރުކާރަށް މުވައްޒަފުންގެ ކަންބޮޑުވުންތައް ހުށަހަޅާނެ ކަމަށެވެ.

މީގެ އިތުރުން، އޭނާ ބުނީ އޭޓީސީގެ މުވައްޒަފުންނާ މެދު އަދި މުސާރަ ދިނުމުގައި އަމަލުކުރަނީ ހަމަހަމަ އުސޫލަކުން ނޫން ކަމަށާއި، އެހެންވެ، ބައެއް މުވައްޒަފުން ކެނޑިގެން މެދު އިރުމަތީގެ ގައުމުތަކުގައި މިހާރު ވަޒީފާ އަދާކުރަމުންދާ ކަމަށެވެ.

އެމްއޭސީއެލަށް އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރުގެ މުވައްޒަފުން ހުށަހެޅި ޕެޓިޝަނުގައި ބުނީ އެ މުވައްޒަފުންނަށް ވަޒީފާގެ މާހައުލުގައި ދިމާވާ އެކި ދަތިތަކަށް ހައްލު ހޯދުމަށްޓަކައި ސަރުކާރުގެ އެކި މުއައްސަސާތަކާ ވަކިވަކިން ބައްދަލުކޮށް، އެ ދަތިތައް ހިއްސާ ކޮށްފައިވާނެ ކަމަށާއި، ނަމަވެސް ތިން އަހަރު ވެގެން ދިޔައިރުވެސް އެއްވެސް މައްސަލައަށް ހައްލެއް ނުލިބޭ ކަމަށެވެ.

އޭޓީސީ ޓަވަރުގެ މުވައްޒަފުންގެ ބައެއް ކަންބޮޑުވުންތައް/ދަތިތައް

  1. އޭޓީސީ މުވައްޒަފުންނަށް މުސާރައާއި މަގާމުގެ ކުރިއެރުން ދިނުމަށް އެކުލަވާލި ވަޒީފާގެ އޮނިގަނޑު ފާސްކޮށްދިނުމަށް އެދި 2019 ގައި ރައީސް އޮފީހަށް ހުށަހެޅި ނަމަވެސް، މިއަދާ ހަމައަށް އެ އޮނިގަނޑުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ނުވުން
  2. އޭޓީސީ މުވައްޒަފުންނަށް ތަމްރީނު ދިނުމުގައި ހަރުދަނާ އުސޫލެއް އެކުލަވާލެވިފައި ނުވާތީ ގިނަ މުވައްޒަފުންނަށް ތަމްރީނު ނުލިބުން
  3. އޭޓީސީގެ ކެޕޭސިޓީ ބެލިފައި ނުވުން، އަދި އެ ކަމަށް އެދެވޭ ހައްލެެއް ނުލިބުން
  4. ޖަސްޓް ކަލްޗާގެ ސަބަބުން ސޭފްޓީއާއި ގުޅުންހުރި ޝަކުވާތައް ކަމާބެހޭ ފަރާތްތަކަށް ރިޕޯޓުކުރަން ކޮންޓްރޯލަރުން ޖެހިލުންވުން
  5. ބަލި ހާލަތު ހުރިގޮތުން ކޮންޓްރޯލަރެއް ލައިސެންސް ދޫކޮށްލަން ޖެހިއްޖެ ނަމަ، ވަޒީފާގައި ހުރެވޭނެ އެހެން ގޮތެއް ނެތުން
  6. އިކޮނޮމިކް މިނިސްޓްރީގެ އިދާރާތަކުގައި އޭޓީސީ ކޮންޓްރޯލަރު ގިންތި ކުރެވިފައި ވަނީ ޕައިލަޓުންނާއި ޑޮކްޓަރުން ފަދަ ޕްރޮފެޝަންތަކާއި އެކު، ނަމަވެސް މުސާރައާއި އެހެނިހެން އިނާޔަތްތައް ދިނުމުގައި އެއްހަމައަކުން އަމަލު ނުކުރުން
  7. މަތީ ތައުލީމް ހާސިލްކުރި އަދި އޭޓީސީގެ ތަޖުރިބާ ހުރި މުވައްޒަފުން ކުންފުނީގައި ބެހެއްޓޭނެ ހަރުދަނާ އުސޫލެއް ނެތުން
  8. ގާނޫނީ ގޮތުން އިހުތިޖާޖު ކުރި ކަމުގައިވި ނަމަވެސް، މަސައްކަތް ހުއްޓާލުމުގެ ހައްގު ލިބިގެންނުވާ ގިންތީގައި އޭޓީސީގެ އޮފިސަރުން ހިމެނިފައިވާއިރު، އެހެން މުވައްޒަފުން ވަޒީފާއިން ރިޓަޔާކުރުމުން އިނާޔަތް ލިބޭ އުސޫލުން، އޭޓިސީގައި ގިނަ ދުވަހު މަސައްކަތް ކުރުމަށްފަހު ރިޓަޔާކުރާ މުވައްޒަފުންނަށް އިނާޔަތް ލިބޭނެ އުސޫލެއް ގާއިމް ކޮށްފައި ނެތުން

އޭޓީސީގެ މުވައްޒަފުން އިތުރަށް ބުނީ އެ މުވައްޒަފުންގެ ދަތިތަކަށް ހައްލެއް ނުލިބި ވަނިކޮށް، މިދިޔަ މަހު އާ އޮނިގަނޑެއް ފާސްކޮށް، އެ ޑިޕާޓްމެންޓްގެ ވެރިންނަށް ކުރިއެރުން ދީފައިވާ ކަމަށެވެ.

އެހެންކަމުން، އެ އަލަށް ފާސްކުރެވުނު އޮނިގަނޑުން މުވައްޒަފުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ނުލިބިވާތީ މިކަންތައްތައް ހައްލު ކޮށްދިނުމަށް އެދި އެމްއޭސީއެލަށް ހުށަހަޅަން ނިންމީ ކަމަށްވެސް، އޭޓީސީގެ މުވައްޒަފުން ބުންޏެވެ.

މިއަދު އޭޓީސީގެ މުވައްޒަފުން އެމްއޭސީއެލަށް ޕެޓިޝަނެއް ހުށަހަޅާފައިވާއިރު، މީގެ ކުރިން ޕައިލަޓުން ވަނީ މުސާރައިގެ މައްސަލާގައި ހިތްހަމަނުޖެހުން ފާޅުކޮށް، ހަރަކާތްތައް ކުރިއަށް ގެންގޮސްފައެވެ. އެ މައްސަލާގައި ޕައިލަޓުން ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކޮށް، ކަންބޮޑުވުންތައް ހިއްސާ ކޮށްފައެވެ.