ހުޅުމާލެ މަތިން ދުއްވާފައި ދިޔަ ސީޕްލޭނެއް ޖައްސަން ދިޔަ ވަގުތު ޑްރޯނެއް އަރުވައި ވީޑިއޯ ކުރި މައްސަލައެއް ފެންމަތިވެ، ކަމާބެހޭ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޑްރޯނަކުން ނަގާފައިވާ އެ ވީޑިއޯ އިއްޔެ ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާއިރު، އެ ވީޑިއޯއިން ފެންނަ ގޮތުގައި ހުޅުމާލޭގެ މަތިން ޓްރާންސް މޯލްޑިވިއަންގެ ސީޕްލޭނެއް ދަނީ ދަތުރުކުރަމުންނެވެ.

ސޯޝަލް މީޑިއާގައި އެ ވީޑިއޯ އާންމުކުރުމަށް ފަހު އެއާ ޓްރެފިކް ކޮންޓްރޯލަރެއް ބުނީ، ޑްރޯން ފަދަ ތަކެތި ގެންގުޅޭ މީހުން ޑްރޯން އޮޕަރޭޓްކުރާއިރު ބައެއް ކަންކަމަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ. އެގޮތުން ޑްރޯން އުދުއްސައިގެން ބޭނުންކުރާއިރު، އެއާ ޓްރެފިކް ކޮންޓްރޯލަރަކަށް ނުވަތަ މަތިންދާބޯޓު ދުއްވާ ޕައިލަޓަކަށް ޑްރޯންގެ ލޮކޭޝަނެއް ނޭނގޭނެ ކަމަށާއި، އެކަމުގެ ސަބަބުން ނުރައްކާތެރި އެކްސިޑެންޓެއް ހިނގުން އެކަށީގެންވާ ކަމަށެވެ.

އެހެންކަމުން އޭނާ ވަނީ މިކަމާ މެދު އާންމުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވާލައިފައެވެ.

އެއާޕޯޓާއި މަތިންދާބޯޓު ފަހަރު ގިނައިން ދަތުރުކުރާ ސަރަހައްދުތަކުގައި ޑްރޯން އެރުވުމަށް ހަރުކަށި އުސޫލުތަކެއް އެބަ ހުއްޓެވެ. އެގޮތުން މާލޭގައި ނަމަ ޑްރޯން އެރުވޭނީ ހަމައެކަނި ރަސްފަންނުގައެވެ. އަދި ހުޅުމާލެ ނަމަ ސެންޓްރަލް ޕާކްގައެވެ. ނުވަތަ ދެވަނަ ފިޔަވަހީގެ އެންމެ އުތުރުގައެވެ.

އެހެން ސަރަހައްދުތަކުގައި ޑްރޯން ބޭނުންކުރަންޏާ ޑިފެންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހެއެވެ.