އެއާޕޯޓްތަކުގެ އެއާ ޓްރެފިކް ކޮންޓްރޯލް ކުރުމުގެ އެއްވެސް ބާރެއް ބޭރުގެ ކުންފުނިތަކަށް ނުލިބޭނެ ގޮތަށް އިސްލާހުކޮށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ޕޮލިސީ އަލުން ނެރެފިއެވެ.

މީގެ ކުރިން އެ ޕޮލިސީގައިވާ ގޮތުން 100 ޕަސެންޓު ބޭރުގެ ކުންފުނިތަކަށް ސާވިސާސް އިންސިޑެންޓަލް ޓު އެއާ ޓްރާންސްޕޯޓޭޝަންގެ ދަށުން އެއާޕޯޓުތައް އޮޕަރޭޓްކޮށް ހިންގުމުގެ އިތުރުން އެއާޕޯޓް އަދި އެއާ ޓްރެފިކް ކޮންޓްރޯލް ވެސް ކުރެވޭނެއެވެ.

މި އިސްލާހާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވުމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މީގެ ދެދުވަސް ކުރިން ވިދާޅުވެފައިވަނީ އެއާޕޯޓް ހިންގަން ބޭރު ބަޔަކަށް ދިނަސް، އޭގެ ތެރެއިން އެއާ ޓްރެފިކް ކޮންޓްރޯލް ބޭރު މީހުންނަށް ނުދޭނެ ކަމަށެވެ. އަދި އެފްޑީއައި އުސޫލަށް ގެނައި ބަދަލުގައި ލިޔެފައިވާ ގޮތުން އޮޅުން އަރާ ކަމަށާ އެކަން ބަދަލުކޮށް އެކަން އޮތް ގޮތް ސާފުކޮށްދޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ.

އިއްޔެ އާންމުކުރި އެފްޑީއައި އުސޫލުގެ އިސްލާހުގައި ވަނީ 100 ޕަސެންޓް ބޭރު ކުންފުނިތަކަށް އެއާ ޓްރާންސްޕޯޓްގެ ހިދުމަތްތައް ދެވޭނެ ކަމަށާއި ނަމަވެސް، އޭގެން ދިވެހި ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް އުނިވާނެ ކަމަށެވެ.

އެ ހިދުމަތްތަކުގެ ގޮތުގައި ހިމެނެނީ އެއާ ޓްރެފިކް ސާވިސް ކޮންޓްރޯލް، ކަސްޓަމްސް، އިމިގްރޭޝަން، އޭވިއޭޝަން ސެކިއުރިޓީ ފަދަ ހިދުމަތްތަކެވެ.

އެފްޑީއައި އުސޫލު އެންމެ ފުރަތަމަ ގެޒެޓް ކުރިއިރު އެއާ ޓްރާންސްޕޯޓް ސާވިސާސް ފީލްޑުގައި ހަރަކާތްތެރިވެވޭ ގޮތަށް ހެދީ އެންމެ ގިނަވެގެން 75 ޕަސެންޓު ބިދޭސީން ހިއްސާވާ ކުންފުނިތަކެވެ.