އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތް ދިނުމަށް އެކަމަށް ވަކި ހާއްސަ ކުންފުންޏެއް އުފައްދައިފިއެވެ.
އެމްއޭސީއެލްގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި އަލަށް އުފެއްދި މި ކުންފުންޏަށް ދީފައިވާ ނަމަކީ ”މޯލްޑިވްސް ނޭޝަނަލް އެއާ ޓްރެފިކް ސާވިސް“ އެވެ. މި ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރުގެ މަގާމަށް އައްޔަން ކޮށްފައި ވަނީ އެއާ ޓްރެފިކް ކޮންޓްރޯލާ މުހައްމަދު އަތުހަރެވެ.
އެމްއޭސީއެލް އިން ބުނީ، އެއާ ޓްރެފިކް ކޮންޓްރޯލަށް ވަކި ކުންފުންޏެއް އުފެއްދީ ސަލާމަތާއި ރައްކާތެރިކަން ދެމެހެއްޓޭނެ ފަދަ ގޮތަށް ހިދުމަތް ފޯރުކޮށް ދިނުމަށެވެ. އަދި ހަމައެހެންމެ ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އަންނަމުންދާ ކުރިއެރުންތަކާ އެކު ރާއްޖޭގެ ވައިގެ ސަރަހައްދުގެ މޫވްމެންޓު ވެސް އިތުރުވަމުންދާ ވަރަކަށް ވަކިން ހާއްސަ ކުންފުންޏެއް އޮތުމަކީ މުހިންމު ކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
ރާއްޖޭގެ ވައިގެ ސަރަހައްދުގައި ކުރާ ދަތުރުތައް މިހާތަނަށް ބަލައި ދިރާސާކޮށް ރެގިއުލޭޓް ކުރަމުން ދިޔައީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްގެ އެއާ ޓްރެފިކް މެނޭޖްމަންޓްގެ ޔުނިޓްގެ ދަށުން އެއާ ޓްރެފިކް ކޮންޓްރޯލް ޓަވަރު އަދި ކޮންޓްރޯލް ސެންޓަރުންނެވެ.
ނަމަވެސް އެކަމަށް ހާއްސަ ކުންފުންޏެއް އުފެއްދުމާއެކު ހުރިހާ މަސައްކަތްތަކެއް ކުރަމުން ދާނީ އަލަށް އުފެއްދި ކުންފުނީގެ ދަށުން ކަމަށް އެމްއޭސީއެލް އިން ބުނެއެވެ. ވީއައިއޭގެ އެއާ ޓްރެފިކް ޓަވަރާއި އެއާ ޓްރެފިކް ކޮންޓްރޯލް ސެންޓަރު ސަރުކާރުން މިހާރު ވަނީ އެ ކުންފުނީގެ ދަށަށް ބަދަލު ކޮށްފައެވެ.