ޕެންޝަން އޮފީހުގެ ޗެއާޕާސަން ކަމުގެ މަގާމަށް މީގެ ކުރިން ވެސް އެ މަގާމު ފުރުައްވަމުންދިޔަ ޑރ. އަހުމަދު އިނާޒް އައްޔަން ކޮށްފިއެވެ.

އެ އޮފީހުގެ ބޯޑުގެ ޗެއާޕާސަންގެ ދައުރު ހަމަ ވެފައިވަނީ މި މަހުގެ 19 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން މަގާމަށް އަނެއްކާވެސް އިނާޒް އައްޔަން ކުރައްވާފައިވާކަން ވަނީ އިއުލާންކޮށްފައެވެ.

އިނާޒް ވަނީ މީގެ ކުރިން ވެސް ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމު ފުރުއްވާފައެވެ.

ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި އޭނާ އެ މަގާމަށް އައްޔަން ކުރީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 20 ވަނަ ދުވަހުއެވެ. މީގެ އިތުރުން ވެސް އިނާޒް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގައި މާލީ ވަޒީރުކަންވެސް ކުރައްވާފައެވެ.

އިނާޒް ޑޮކްޓޯރިއަލް ސްޓަޑީޒް ހައްދަވާފައިވަނީ ނިއުޒިލޭންޑްގެ ޔުނިވާސިޓީ އޮފް އޯކްލޭންޑް އިންނެވެ. މީގެ އިތުރުން، ޔޫކޭގެ ޔުނިވަސިޓީ އޮފް ވެސްޓްމިންސްޓާ އިން އިންޓަނޭޝަނަލް ބިޒްނަސް އިކޮނޮމިކްސްގެ ރޮނގުން އަދި ޔޫކޭގެ ޔުނިވަސިޓީ އޮފް މެންޗެސްޓާ އިން ޑިވެލޮޕްމަންޓް އިކޮނޮމިކްސް އެންޑް ޕޮލިސީ އިން ވެސް އޭނާ ވަނީ މާސްޓާސް ޑިގްރީ ހާސިލް ކުރައްވާފައެވެ.

މިހާރު ޕެންޝަން އޮފީހުގެ ބޯޑުގައި ތިއްބެވި މެންބަރުންނަކީ ޝިފާޒާ ވަޖީހު، ފާތިމަތު އަބްދުﷲ، ކަމާލުއްދީން އަޝްރަފް ރަޝީދު، މިޒްނާ އަހްމަދު، އަބްދުލްމަޖީދު އަލީ، އަހްމަދު ޝަރުވަޝް އާދަމްގެ އިތުރުން މުހައްމަދު މަދީން ލަތީފް އެވެ.